ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓިން ލައިސަންސް ލިބިފައިވާ ފަރާތްތައް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް އިންނެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ ވަންގަވްގެ ތެރޭގައި ހަދާފައިވާ މީޑިއާ އެޕް މެދުވެރިކޮށެވެ.
މީޑިއާ ކޮމިޝަނުން ގެޒެޓްކުރި އުސޫލުގައިވާ ގޮތުން، އެހީ ދިނުމުގެ އެއް ޝަރުތަކީ ޖެނުއަރީ، 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުން ގެންދިއުމެވެ. އާ އުސޫލުން ފާހަގަކުރެވޭ އަނެއް ބަދަލަކީ މާލީ އެހީދޭނެ އަދަދު ކަނޑައަޅަން، މާކްސް ދިނުމުގައި ބަލާ ކަންތައްތަކެވެ. އޭގެ ތެރޭގައި އެ މީޑިއާއެއް ހިންގާ މުއްދަތާއި މުވައްޒަފުންގެ އަދަދަށް ރިއާޔަތްކުރުން ހިމެނެއެވެ.
ކޮމިޝަނުން ބުނީ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްސީލާއި ޝަކުވާ ބަލައި ޖަވާބުދާރީވުމުގެ ހުރިހާ މަރުހަލާއަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާކުރަންޖެހޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއް ވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.
ކުރީގެ އުސޫލުގައި އެހީދޭ އުމުރެއްގެ ގޮތުގައި ތިން އަަހަރު އޮތުމުން އޭރު ޝަރުތު ހަމަވީ 18 މީޑިއާ އެކެވެ. އާ އުސޫލުގެ ދަށުން ގާތްގަނޑަކަށް 60 މީޑިއާ އަށް މާލީ އެހީއަށް ޝަރުތު ހަމަވާނެއެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

