ސިޔާސީ ލީޑަރުންގެ ބޯޑު ޖަހައިގެން ތިބި ބަޔަކާއި ހެދި، މިއަދު މުޅި ގައުމު ހިބަރު ވަދެއްގައި ޖެހިފައިވާކަމަށާއި، އެކަމުގެ ޒިންމާ ލީޑަރުން ނަންގަވަން ޖެހޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއީ ”ޚުދުމުހުތާރު އަނިޔާވެރި، ވެރިކަމެއް“ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހު މިހާތަނަށް ޕީޕީއެމް، ޕީއެންސީން ގިނަ ޖަލްސާތަކެއް ބާއްވާފައިވާއިރު މިއީ އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވީ ޖަލްސާކަން ފާހަގަކުރެވެއެވެ. އެކަމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ފެނިގެން މިދަނީ އުފާވެރިކަމުގެ މަންޒަރުތައް ކަމަށެވެ. މި ސަރުކާރުގެ ނާގާބިލުކަން މިއަދު ރައްޔިތުން ގަބޫލު ކުރަން ފަށާފައިވާކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ. ކުރަމުން އަންނަ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބެމުން އައި ނަމަވެސް އަބްދުއްރަހީމް ވަނީ ގައުމު މިއޮތީ އުފާކުރަންޖެހޭ ފައްތަރެއްގައި ނޫންކަން ފާހަގަކުރައްވާފައެވެ.
”ހިބަރު ވަދު“ ގެ ނަމުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު، 23 ގައި ބައެއް ސިޔާސީ ލީޑަރުންތަކެއް އެކުވެ ވެގެން ތައްޔާރު ކުރީ ވަރުގަދަ އަދި އަގުބޮޑު ”ހިބަރު ވަދެއް“ ކަމަށެވެ. ފުލޯކު ވާހަކައަކުންވެސް މިފަދަ އަގުބޮޑު ހިބަރު ވަދެއްގެ ވާހަކަ އަޑުނާހާ ކަމަށާއި އެ ހިބަރުގެ އަގެއްކަމަށް އަޑުއިވެނީ 10 މިލިއަން ޑޮލަރު ކަމަށެވެ.
”ދިހަ މިލިއަން އެމެރިކާ ޑޮލަރުގެ ހިބަރު ވަދެއް އެއްލީމާ މި ވީ ގޮތަކީ، މި މީހުން އެ ހިބަރު ވަދުގައި ޖައްސަން އުޅުނު ހިބަރެއް އޭގައި ނުޖެހުނު. މިއަދު މިއޮތީ އެ ހިބަރު ވަދުގައި އަޅުގަނޑުމެންގެ މުޅި ގައުމު ޖެހިފައި. މި ހިބަރުވަދު ޖެހިމީހުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ، ތިމަންނަމެން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ހުކުމެއް ނެރުނީމާ އެއެއް ކަމަކު ނުދިޔައޭ. ކޮން ބައެއްތޯ އެހެން ވިދާޅުވީ އެހެން؟ އޮނަރަބަލް ގާސިލް އިބްރާހިމް. މީގެއިން އެބަ ހެކި ލިބޭ، މި ހިބަރު ވަދު އެއްލީ ކޮން ބައެއްކަން. ދެން ކޮންބައެއްތޯ؟ 31 ޖެނުއަރީގައި ރައީސް މައުމޫން ވިދާޅުވީ މާދަމާ ރޭ ގައި މާ ބޮޑު ހަނދުކޭތައެއް ހިފާނެއޭ. މި ކޭތައިން މިއުޅޭނީ މި، ދިވެހި އުންމަތް ސަލާމަތް ނުވެގެން.“ އަބްދުއް ރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ދިވެހިން އުފުއްލަންޖެހިފައިވާ ހުރިހާ ތަކުލީފެއްގެ ވެސް ސިއްރަކީ ފެބްރުއަރީ 1 ގެ އަމުރު ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އެކުވެގެން ދޫކޮށްލީ ވަރުގަދަ ހިބަރުވަދެއް ކަމަށެވެ. އަބްދުއް ރަހީމް ވިދާޅުވީ ހުރިހާ ކަމެއްގެ ވެސް ފެށުމަކީ ވެސް އެއީ ކަމަށާއި އެ އަމުރަކީ ބޮޑު ”މުސީބާތެއް“ ކަމަަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ، މަލީ ލޯންޑްރިންގެ ދައުވާއަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެއީ ނުހައްގު ސިޔާސީ ދައުވާއެއް ކަމަށެވެ. ރައީސް ޔާމީން އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރީ މަޖިލީސް އިންތިހާބު ކައިރިވެއި އޮއްވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެއީ ގާސިމާއި، ދެންވެސް ތިއްބެވި ސިޔާސީ ލީޑަރުން އެކުވެގެން ހިންގި އަމަލެއްކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އޭރު ތުހުމަތު ކުރި މައްސަލަ ބަލާ ނިމެންދެން ބަންދުގައި ބެހެއްޓީ މަޖިލީސް އިންތިހާބުގައި މަކަރު ހެދުމުގެ ނިޔަތުގައިކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ޤާނޫނީ ހަމަތަކުގެ މަތިން ޔާމީން ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތްތަކާއި ދިމާކޮށް އާއްމުގޮތެއްގައި ކޯލިޝަންއިން ޖަލްސާތައް ބާއްވައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށް، ޕީޕީއެމް ޕީއެންސީއިން ތަކުރާރުކޮށް ބުނަމުންދާއިރު އެ ދައުވާގެ ހުކުމް އިއްވުން ވަނީ މި މަހުގެ 28 ވަނަ ދުވަހަށް ތާވަލު ކުރެވިފައެވެ.

