ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ހޫދު ހައްޔަރުކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތް އައިއެސްގެ މެމްބަރަކަށް ވެ، އެ މީހުންގެ ހަރަކާތްތަކަށް ހިއްވަރު ދީ އެކަމާއި ގުޅުން ހުރި ހަރަކާތްތަކެއް ހިންގާކަމުގެ ތުހުމަތަށެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހޫދު، ހައްޔަރު ކުރީ ވެސް އެމެރިކާގެ އެފްބީއައި އާއި ޔޫރަޕުގެ ތަހުގީގީ އިދާރާތްތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އަދި ހޫދުގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ.

އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް ހުކުމްގެ ތަފްސީލު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިއްސާކޮށްފައި ނުވެ އެވެ. މައްސަލައިގައި މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ޕީޖީ އޮފީހުން ބުނީ ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް އުފައްދައި، ހޫދުގެ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް، އިސްލާމިކް ސްޓޭޓް އާ ގުޅުންހުރި މަޢުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި، އެފަދަ ޢަމަލުތަކާއި ގުޅޭ އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ހިއްސާކޮށްފައިވާ ކަމަށެވެ.

ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކޮށް އެކި ބަސްބަހުން ލިޔެފައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ލިޔުންތައް އެހެން މީހުންނަށް ފޯރުކޮށްދީ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ތަރުޖަމާކުރުމަށްޓަކައި އެކި މީހުންނާ މުޢާމަލާތުކޮށްގެން އެ މަސައްކަތްކޮށް، ސޯޝަލް މީޑިއާގެ އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) އަށް ތާއީދުކޮށް، އެކި ޤައުމުތަކުގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާއިދުކުރާ މީހުންނާ މުޢާމަލާތުކޮށްފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އެފަދަ ކަންކަން ކުރުމަށާއި ސިއްރުކުރުމަށާއި އޮޅުވާލުމަށް ބޭނުންކުރެވިދާނެ ތަފާތު އެކި އެކި އެޕްލިކޭޝަންތައް އޭނާ ގަނެގެން އޭނާގެ ފޯނަށް އަޅައިގެން ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްގެ (އައި.އެސް.އައި.އެސް) ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އޭނާގެ ވަކި ވަކި ޢަމަލުތަކަށް ރިޢާޔަތްކޮށް ޖުމްލަ 5 ދަޢުވާ 18 އޭޕްރީލް 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށައެޅި ކަމަށާއި ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޙޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ސާބިތުވި ދަޢުވާތައް:

  • ދަޢުވާ 3: ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން

ޤާނޫނުގައިވާ އަދަބު: 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.
ކަނޑައެޅުއްވި އަދަބު: 15 (ފަނަރަ) އަހަރަށް ޖަލަށްލުން

  • ދަޢުވާ 4: ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން

ޤާނޫނުގައިވާ އަދަބު: 3 (ތިނެއް) އަހަރާއި 5 (ފަހެއް) ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
ކަނޑައެޅުއްވި އަދަބު: 5 (ފަހެއް) އަހަރަށް ޖަލަށްލުން

  • ދަޢުވާ 5: ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުން

ޤާނޫނުގައިވާ އަދަބު: 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
ކަނޑައެޅުއްވި އަދަބު: 3 (ތިނެއް) އަހަރަށް ޖަލަށްލުން

ކަނޑައެޅުއްވި އަދަބުގެ ޖުމްލަ: 23 (ތޭވީސް) އަހަރަށް ޖަލަށްލުން

ސާބިތުނުވާކަމަށް ކަނޑައެޅުއްވި ދަޢުވާތައް:
1. ދަޢުވާ 1: އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން
2. ދަޢުވާ 2: އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުން

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: