މިފަހަކަށް އައިސް ރާއްޖޭގެ އެންމެ އަޑުހަރުކޮށް ދައްކަމުން ދާ އެއް ވާހަކައަކީ ކޮންމެވެސް ޖަމްއީއްޔާއެއް އުވާލަން ޖެހޭ ވާހަކައެވެ. އެއްބަޔަކު ބުނަނީ އިސްލާމްދީނަށާއި މާތް ނަބީއްޔާއަށް ފުރައްސާރަކޮށް ބަޔާންތައް ނެރޭ ޖަމްޢިއްޔާ އުވާލަން ޖެހޭ ވާހަކައެވެ. އަނެއް ބަޔަކު ދީނީ ހަރުކަށި ފިކުރު މި ރާއްޖޭގައި ފަތުރާ ޖަމްޢިއްޔާތައް އުވާލަން ޖެހޭ ވާހަކައެވެ.
މިދެންނެވި ގޮތުގެ މަތިން އުވާލަން ޖެހޭ ކަމަށް ބުނަމުންދާ ދެ ޖަމްއީއްއަކީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަދި ސަލަފް ޖަމީއްޔާއެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިރާއްޖޭގައި އުވާލަން ޖެހޭ ޖަމްއީއްޔާ ޖަމާޢްތަކަކީ އިސްލާމްދީނާއި މާތް ނަބީއްޔާއަށް ފުރައްސާރަކޮށް ޒާތްޒާތުގެ ބަޔާންތައް ނެރެމުންދާ އެމްޑީއެންއެވެ.
ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އުވާލަން ޖެހޭ ޖަމްއީއްޔާއަކީ ސަލަފް ޖަމްޢިއްޔާއެވެ. އަދި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސަލަފް ޖަމްއިއްޔާ ސިފަކުރަނީ ޓެރެރިސްޓް ޖަމާޢަތެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކުރަމުންދާ އެކިއެކި ހަނގުރާމަތަކަށް ދިވެހިން ރެކްރޫޓް ކުރުމުގެ ތުހުމަތު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ސަލަފް ޖަމްއީއްޔާއަށް ކުރެއެވެ.
އެމްޑީއެންއިން މާތްނަބީއްޔާއަށާއި ކީރިތި ގުރުއާނަށް ހަޖޫ ޖަހައި ނެރުނު ރިޕޯޓާއި އެމްޑީއެން އުވާލަން ގިނަ ބަޔަކު ގޮވާލަމުން ދިއުމާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެކެވެ.
އެގޮތުން އެމްޑީޕީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ވއެމްޑީޕީން ވަނީ ކުށްވެރި ކޮށްފައެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އެމްޑީޕީން އަބަދުވެސް ޤަބޫލުކުރާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމަ އެއާއެކު، އެމްޑީޕީން ޤަބޫލުކުރާ އެންމެ މުހިއްމު އެއް އުޞޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދިނުމެވެ. އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމެވެ. ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާޢާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުޞަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުމެވެ.
އެމްޑީޕީން ޤަބޫލުކުރަނީ ޤާނޫނާ ޚިލާފަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.
ނަފްރަތާއި ރުޅިވެރިކަން އުފައްދަން ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމަޢެއްގައި ހުއްދަ ކަމެއް ނޫނެވެ. އެފަދަ ކަންކަމުން ޤައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ނަސްރެއްވެސް ނޯންނާނެއެވެ. އެފަދަ ވާހަކަތައް ދެއްކުމަކީ، ޤައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެވެ.
ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ގަބޫލު ކުރެއެވެ.
އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖުތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ހިންގުން ހުއްޓުވާން ޖެހެއެވެ. ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ ބަލައިގަންނާނެ ކަންކަމެއްނޫން ކަމަށް އެމްޑީޕީން ބުނެއެވެ.

ކޮންމެއަކަސް އެމްޑީއެން ވެސް އަދި ސަލްފް ޖަމްއިއްޔާ ވެސް އުވާލަން ޖެހޭ ކަމަށް ބުނަމުންދާ މައިގަނޑު ސަބަބަކީ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފަށް ހިޔާލްފާޅުކޮށް އަމަލުތައް ބަހަޓަމުންދާ ކަމަށް ތުހުމަތު ކުރުމެވެ. މި ތުހުމަތު މި ދެ ޖަމްއިޔާއަށް ކުރާއިރު ހިޔާލްފާޅު ކުރެވޭނެ ހުދޫދޫ ގާނޫނުއަސާސީގައި ވަނީ ސާފު އިބާރާތުން ބަޔާންކޮށްދީފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ ”މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ“އެވެ.
މި ފާހަގަ ކޮށްލީ ހިޔާލުފާޅު ކުުރުމުގެ މިނިވަންކަން ލިބިދީފައިވާ ގޮތާއި ހިޔާލުފާޅު ކުރެވޭނެ ގޮތާއި ބެހޭ ގޮތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މާއްދާއެވެ. މި މާއްދާއިން އެނގިސާފުވެގެންދާ ގޮތުގައި ރާއްޖޭގައި އެއްވެސް މީހަކަށް ނުވަތަ އެއްވެސް ޖަމްއިއްޔާ ޖަމާއަތަކަށް އެއްވެސް ސިފައެއްގައި ހިޔާލުފާޅު ކުރެވޭނީ މި މާއްދާއާއި ހިލާފް ނުވާނޭ ގޮތުގެ މަތިންނެވެ.
ޖަމިއްޔާތަކާ ބެހޭ ގަވާއިދުގެ 19 ވަަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ހިލާފުވުން ނުވަތަ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުން ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުން ނުވަތަ އެއްބައިވަންތަކަމަށް އުނިކަމެއް ގެނައުން ނުވަތަ އިސްލާމްދީން ނޫން ދީނެއްގެ ފިކުރާ ޝިއާރު ރާއްޖޭގައި ފާޅުކުރުން ނުވަތަ ފެތުރުމަކީ ޖަމިއްޔާ ހެދުން މަނާކުރެވޭ ނުވަތަ އެ ޖަމިއްޔާއެއް އުވާލެވޭނެ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް ހިންގުމަކީ ކުށެވެ. އެގޮތުން މުވާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަޤްރީރުކުރުމަކީ ކުށެވެ. ހަމައެހެންމެ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ވެސް ކުށެކެވެ.
ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އުވާލަން ގޮވާލާ ސަލަފު ޖަމްއިއްޔާ މިހާތަނަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކުރި އެއްވެސް ކަމެއް ފެންނާކަސް ނެތެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭރުން ސަލަފް ޖަމްއިއްޔާ އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ބުނެ އެއްވެސް ފަރާތަކުން އެއްވެސް އިދާރާއަކަށް އެއްވެސް މައްސަލައެއް ހުށަހަޅައި ތަހުގީގު ވެސް ކޮށްފައެއް ނުވެއެވެ. ހަމައެކަނި ސަލަފް ޖަމްއިއްޔާއަށް ކުޑަ ނަމަވެސް ތުޚުމަތުތަކެއް ކޮށް ވާހަކަތަކެއް ބަޔާން ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އުފެެއްދެވި މަރު ކޮމިޝަނުން ނެރުނު ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ވެސް ޑރ އަފްރާޝީމްގެ މަރާލުމުގައި ސަލަފް ޖަމްއީއްޔާގެ ބައިވެރިވުމެއް އެއްވެސް މިންވަރަކަށް އޮތް ކަމަށް ބުނެފައެއް ނުވެއެވެ. އަދި އެފަދަ ތުހުމަތެއް ވެސް ކޮށްފައެއް ނުވެއެވެ.

ނަމަވެސް އެމްޑީއެންއިން މާތް ނަބީއްޔާއަށާއި ކީރިތި ގުރުއާނަށް ޖޯކް ޖަހައި ބޮޑު ރިޕޯޓެއް ނެރުނުނެވެ. ”ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް“ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފަވާއިރު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

ކޮންމެއަކަސް މިފާހަގަ ކުރި ކަންކަމުން ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ރިޕޯޓުތައް ނެރެ ކަންކަން ކުރިކަން ސާބިތުވީ އެމްޑީއެންގެ މައްޗަށެވެ. ނަމަވެސް އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރުމަށް މަޖިލީހުގެ އެއްވެސް ކޮމެޓީއަކަށް ނުކެރުނެވެ. އަދި އެމްޑީއެންގެ ރިޕޯޓު ނެރުނުތާ އެތައް ދުވަޖެއް ވީއިރުވެސް އެ ޖަމްއީއްޔާ އުވާލާކަށް ނުކެރުނެވެ.
ނަމަވެސް ސަލަފް ޖަމްއީއްޔާއާ ބެހޭ ގޮތުން ރިޕޯޓެއްގައި ސާބިތު ނުހިފޭ ވާހަކަތަކެއް ބަޔާން ކޮށްފައި ވަނިކޮށް ކަމުގެ ހަގީގަތް ނުބަލައި އެ ޖަމްއީއްޔާ އުވާލުމަށް މަޖިލީހުގެ އެންމެ ބާރުގަދަ ކޮމެޓީން ވަނީ މަސައްކަތް ފަށާފައެވެ. ޖަމްއިއްޔާތައް އުވާލަން ތާއިދު ނުކުރާ ކަމަށް ބުނާ ވެރިކަން ކުރާ އެމްޑީޕީން ވެސް މިވަނީ ސަލަފް އުވާލުމަށް ގޮވާލާފައެވެ. އެމްޑީއެންއާ ދެކޮޅަށް ބަސް ނުބުނި އެތައް ބަޔަކު ދަނީ ސަލަފް ޖަމްއީއްޔާއާ ދެކޮަޅަށް އަޑު އުފުލަމުންނެވެ. ތިމާމެން ނުރުހޭ ވާހަތަކެއް ދައްކާ ބަޔަކު ތިބި ޖަމްއީއްޔާއެއް ނަމަ އުވާލަންވީއެވެ.
ހަގީގަތަކީ މެދުމިނުގެ ފިކުރާއި، ޑިމޮކްރަސީގެ ހައްގުތަކުގެ ނަމުގައި ދިވެހިންގެ ބިމުން އެހެން ދީނަކަށް ފުރުސަތުދޭން ބަޔަކު މީހުން މަސައްކަތް ކުރުމާއި ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފާޅުގައި ގޮންޖަހައި މަލާމާތް ކުރަމުންދާ ކަމެވެ. އަދި ބަހަނާތައް ދައްކައިގެން އެކިއެކި ސަރުކާރުތަކުން ފިޔަވަޅު ނާޅާ ތިބިކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީއާއި ގާނޫނޫލްއުގޫބާތާއި މިނޫންވެސް އެކިއެކި ގާނޫނުތަކުން އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅެން އެބައޮތެވެ. އެހެން ކަމުން އެމްޑީއެން އަދި ސަލަފް ޖަމްއީއްޔާގެ މާޒީއަށް ބަލާއިރު އަދި ސާބިތުވެފައިވާ ކަންކަމަށް ބަލާއިރު އުވާލަން ޖެހެނީ ކޮން ޖަމްއީއްޔާއެއްކަން ވަަރަށް ސާފެވެ.

