މީޑިއާ ވިލެޖު މަސައްކަތުގެ 70 އިންސައްކަތް ނިމިފައިވާކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް ހާއްސަކޮށް މީޑިއާ ވިލެޖެއް ގާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ، އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެކު ބައްދަލު ކުރެއްވުމަށް ބޭއްވި ގުންޒަރުގަ އެވެ. އަދި އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީ ކުރަމުން ދިޔަ، ހޮޓެލްގެ ބައެއް މީޑީއާ ވިލެޖަށް ހާއްސަ ކުރުމަށް ސަރުކާރުން މިދިޔަ އަހަރު ނިންމެވި އެވެ.
އެރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކި، އެޑިޓަރުންނާއި މީޑިއާތަކުގެ އިސްވެރިން ވަނީ މީޑިާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޮޑު އަގުގައި އޮފީސް ހިންގުމުގެ ޖާގަ ކުއްޔަށް ނަގަން ޖެހުމެވެ. އެކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ވައުދާއި އެކު ރައީސް ވަނީ ބައެއް ނޫސްވެރިން ފާހަގަކުރެއްވި ތަމްރީނާއި ދާއިރާގެ ތެރެއިން ތައުލީމު ހޯދުމަށް ބޭނުންވާ ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވާނެކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގައި، އެ މަސައްކަތް ކުރިޔަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރ އަސްވާޑު ވިދާޅުވީ މީޑިއާ ވިލެޖުގެ 70 އިންސައްތަ ނިމިފައިވާކަމަށެވެ.
މަސައްކަތް ކުރިޔަށްދާ ގޮތުގެ ތަފްސީލުތައް ކޮންމެ ދުވަހަކު ވެސް ގާތުން ބައްލަވާކަމަށް އަސްވާޑު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަނުގެ މަސައްކަތް ނިމުމާއިއެކު، މީޑިއާތަކަށް ލުއިފަސޭހަ ގޮތަކަށް، އެތަނުގެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.
މީޑިއާތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، މީޑިއާ ވިލެޖު ގާއިމްކުރާނީ ފުރިހަމަ ހިދުމަތްތަކާއިއެކުކަމަށް އަސްވާޑު ވިދާޅުވި އެވެ.

