ރ. މަޑުއްވަރިއަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބަޔަކާއި ދެމެދު ހިނގައިދިޔަ ދެ ބަސްވުމެއްގެ ތެރެއިން، އިސްމާއިލް ހައްމާދުއަށް އޭނާގެ އެކުވެރިން ދިނީ ”މަރުގެ އެތިފަހަރެ“ ކެވެ. ޒަމާންވީ ރައްޓެހިންތަކެއް އެދުވަހު ރޭވީ ނުބައި ރޭވުމެކެވެ. އެހެން ނަމަވެސް، ހައްމާދު އެ މީހުންނާއި އެއްބަސް ނުވީއެވެ. އެހާހިސާބުން، ވަޅިން ހަމަލާދީ ކަނޑަށް ވައްޓާލީއެވެ.
މިއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފަތާފައި، ރ. މަޑުއްވަރީ، ފެހިއަލި، ހައްމާދު، 26 އެރުމާއި އެކު ލިބުނު މައުލޫމާތެވެ. ހައްމާދުއަކީ ކާކުކަމެއް، އަދި އާމްދަނީ ހޯދުމަށް ކުރަމުން އައީ ކޮން މަސައްކަތެއްކަމަށް ނޭނގެނީސް އަޑުއިވިގެން ދިޔައީ އޭނާއަކީ ”އަމިއްލައިން“ ކޯޓުން ބޭރުން އުމުރުން 13 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްކަމެވެ. ސޯޝަލް މީޑިއާގައި ފެންމަތިވެގެން ދިޔަ މިވާހަކަ ކަށަވަރު ކުރުމަށް ނޫސްވެރިން އަވަސްވެގަތެވެ. އެހެން ނަމަވެސް، ނޫސްވެރިން އަތުގައި ޖެހުނު އެޔަށް ވުރެ ސިހުން ކުރުވަނި ކަމަކީ އެ ކުޑަކުއްޖާ ބަނޑުބޮޑުކަމެވެ. އެއާއި އެކު ބައެއް މީޑިއާތަކުން، ކުރި މަސައްކަތުން އަނެއްކާވެސް އެނގުނީ އެ ކުއްޖާ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފައިވާކަމެވެ.
މިހުރިހާ މައުލޫމާތެއް ވެސް ހޯދީ މީޑިއާތަކުންނެވެ. ހައްމާދަކީ ކާކު ކަމާއި އޭނާއާއި ބެހޭ މައުލޫމާތު ހޯދުމަށް ”ސަންގު“ އިން މަސައްކަތް ކުރުމުން ލިބިގެން ދިޔައީ މާ ސިހުން ގެނުވަނި ވާހަކައެކެވެ. 13 އަހަރުގެ ކުއްޖާގެ އާއިލާއަކީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ އާއިލާއެކެވެ. އެ ކުއްޖާގެ ބައްޕަ ވަނީ އެކި ފަހަރު މަތީން އެކި ކުށްތަކުގައި ޖަލަށް ލާފައެވެ. އެގޮތުން ރާއްޖޭގެ ހައްދުފަހަނައަޅާފައިވާކަމަށް ބުނެވޭ އެ ރަށުގައި ހިނގައިދިޔަ މާރާމާރީއެއްގައި ވެސް އޭނާ ބައިވެރިވިއެވެ. 13 އަހަރުގެ ކުއްޖާގެ ބައްޕަ މިހާރު ޖަލުހުރީ ސީރިއާއަށް ދާން މަސައްކަތް ކުރަނިކޮށް ހިފަހައްޓައިގެންނެވެ.
ހައްމާދު އަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. މާރާމާރީ އާއި ވައްކަން ފަދަ މައްސަލަތަކެެވެ. 2012 ވަނަ އަހަރު މުޒާހަރާއެއްގެ ތެރެއިން، ވީޓީވީއަށް ގާއުކި މައްސަލައިގައި ހައްމާދު ޖަލަށްލިއެވެ. އޭގެ ކުރިން އޭނާއަކީ ހަރުކަށި ވިސްނުން ގެންގުޅޭ މީހެއް ނޫނެވެ. އެހެން ކަމުން، އޭނާއާއި އެބަޔަކާއި ދިމާވީ ޖަލުގެ ތެރެއިންނެވެ.
ހައްމާދު އާއި އޭނާގެ އެކުވެރިން އުޅެމުން އައި ގޮތް އިންގޭ މީހަކު، އެ ވާހަކަތައް ސަންގުއާއި ހިއްސާކުރަމުން ބުނީ ”ހައްމާދު އާއި އޭނާގެ އެކުވެރިން“ މިސްކިތައް އަރަނީ ވަކި ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ. އަދި ހަރުކަށިކަން ފެތުރުމަށް މަސައްކަތް ކުރާކަމަށެވެ. ޖަލުން ސަލާމަތް ވިޔަސް ވައްކަންކޮށް އެމީހުން އުޅުނުކަމަށް އޭނާ ބުންޏެވެ.
13 އަހަރުގެ ކުއްޖާގެ މިއީ ފުރަތަމަ ކައިވެންޏެއް ނޫނެވެ. އެ ކުއްޖާގެ މައިންބަފައިން އެކުއްޖާގެ އުމުރުން އެންމެ 9 އަހަރުގައި ވެސް ކޯޓުން ބޭރުން އަމިއްލައިން އެހެން މީހަކާއި ކައިވެެނި ކުރުވިއެވެ. އަދި އިތުރު އެހެން މީހަކާއި ވެސް ކައިވެނި ކުރުވިވިއެވެ. އެއަށްފަހު، ހައްމާދުއާއި އެ ކުއްޖާއާއި ކައިވެނި ކުރުވީ އެ ކުއްޖާގެ އުމުރުން 12 އަހަރުގައެވެ. އެއީ މިދިޔަ އަހަރެވެ. މިހާރު އެ ބުނާ ކައިވެންޏަކަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އެކި ގޮތްގޮތުން، ހޯދަން މަސައްކަތްކުރި މައުލޫމާތުތަކުން އަނެއްކާވެސް ކަށަވަރު ވީ 13 އަހަރުގެ ކުއްޖާގެ އާއިލާއިން އެ ކުއްޖާ ސްކޫލަކަށް ނުފޮނުވާކަމެވެ. އަދި އެ އާއިލާގެ އެހެން އަންހެން ކުދިން ސްކޫލަށް ނުފޮނުވާކަމެވެ. އަދި އެ އާއިލާއަކީ ވހެއުމަށްފަހު ކުދިންނަށް ދޭންޖެހޭ ވެކްސިން ގަބޫލު ކުރާ ބައެއް ވެސް ނޫންކަމަވެ.
އެ ކުއްޖާ އުމުރުން 9 އަހަރާއި ހަމައަށް ދިރިއުޅުނީ އުފަން ރަށުގައެއް ނޫނެވެ. އެ ރަށަކީ ކޮބައިކަން ”ސަންގު“ އަށް އެނގިފައި ވީނަމަވެސް އަޅުގަނޑުމެން މި ނިންމީ އެއީ ކޮން ރަށެއްކަން ހާމަ ނުކުރުމަށެވެ.
މި މައްސަލައިގައި ކަމާއި ބެހޭ އިދާރާތްތަކުގެ އިހުމާލު ވަރަށް ބޮޑެވެ. އެނގި ކަށަވަރު ވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާކަމެވެ. ނުވަތަ ހަގީގަތް ހާމަވިޔަ ނުދިނުމަށް މަސައްކަތް ކުރާކަމެވެ.
އާދީއްތަ ދުވަހު ޖެންޑާއާއި ފުލުހުން އެކީ ނެރުނު ބަޔާނުގައި ވާގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސްއަށް އެ އާއިލާއާއި ބެހޭ މައުލޫމާތު ލިބުނެވެ. އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމުކޮށްފައިވާ ކަމުގެ މަޢުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ވަނަ ދުވަހު ލިބުނުކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް، ޖޫން މަހަކީ ކޯޓުން ބޭރުން ހައްމާދު ކުއްޖާއާއި ކައިވެނި ކުރި މަހެވެ.
ހައްމާދަށް މިހާރު އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗްއިން ވަނީ ހައްމާދުގެ ހާލަތާއި ގުޅޭގޮތުން އަދި ހަމަލާ ދީފައި ހުރިތަންތަނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ.
ހައްމާދުއަަށް ހަމަލާ ދީފައި މިވަނީ، ރާއްޖޭގައި ދީނީ ހަރުކަށިކަން އޮތް މިންވަރު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުންވެސް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ގޮތް ނޭނގޭ މަރުތަކާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް މި ސަރުކާރުން އެކުލަވާލި ކޮމިޝަނުން ވަނީ ޑރ. އަފްރާޝީމް އަލީ އާއި، ބްލޮގާ ޔާމީން ރަޝީދު އަދި ނޫސްވެރިޔާ ރިލްވާން އަހުމަދު ގެ މަރުގެ މައްސަލައިގެ މައުލޫމާތު ހާމަކޮށްފައެވެ. ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވަނީ އެ މަރުތަކުގެ ފަހަތުގައި ވަނީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށެވެ.
ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.
ކޮންމެ އަކަސް ކުޑަ ކުއްޖަކަށް އެތައް ގޮތަކުން މިއޮތީ އިހުމާލުވެފައެެވެ. އަމިއްލަ އާއިލާއިން ފެށިގެން ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް މިވަނީ ބޮޑުތަނުން ފެއިލްވެފައެވެ. މަތި އޮއްބަން ބަޔާން ނެރުނަސް ތިމާމެންގެ މޮޅުކަން ދެއްކޭނެ އެއްގޮތެއްވެސް ނެތެެވެ.

