ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. ޢަލީ ޙައިދަރު އަޙްމަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ކުރައްވާ މި ދަތުރުފުޅުގައި، ޑޮކްޓަރ ޢަލީ ޙައިދަރު ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑޮކްޓަރ މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ޚާލިދާ ޒިއާ އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައި، ފުއްޕާމޭގެ އިންފެކްޝަންގެ އިތުރުން ފުރަމޭގެ ބައްޔާއި، ހަކުރު ބަލި އަދި ހިތުގެ މައްސަލަތަކަށް ޑާކާގެ އެވަކެއާ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ޚާލިދާ ޒިއާ އަކީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި ވަރަށް ނުފޫޒުގަދަ ޝަހުސިއްޔަތެކެވެ. އެކަމަނާ ވަނީ 1991 އިން 1996 އަށް އަދި 2001 އިން 2006 އަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެކަމަނާއަކީ މުސްލިމް ދުނިޔޭގައި ބޭނަޒީރު ބުއްޓޯއަށް ފަހު ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި ދެވަނަ އަންހެން ބޭފުޅާއެވެ.
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔައުރު ރަހުމާންގެ އަނބިކަނބަލުން ޚާލިދާ، ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1980 ގެ އަހަރުތަކުގައެވެ. ފިރިކަލުން އުފެއްދެވި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރުކަން 1984 އިން ފެށިގެން ކުރައްވަމުން ގެންދެވި ޚާލިދާ ވަނީ، ޝެއިހް ހަސީނާގެ ވެރިކަމުގައި 2018 ވަނަ އަހަރު ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވާފައެވެ.

