އަމިއްއްލަ މީޑިއާތަކަށް 2025 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވި މީޑިއާތަކުގެ ތެރެއިން، އެހީއަށް އެދުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކުރި 39 މީޑިއާއަކަށް ލިބޭ ފައިސާގެ އަދަދުތައް މޯލްޑިވްސް މީޑިއާ ކޮމިޝަނުން އާންމުކޮށްފިއެވެ.
މި އެހީއަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކުގެ ކުރިއެރުވުމަށް ކަނޑައަޅާފައިވާ 28 މިލިއަން ރުފިޔާގެ ތެރެއިން ދޫކުރެވޭ ފައިސާއެވެ.
މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލީ އެހީތެރިކަމަށް އެދުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ 39 މީޑިއާއަށް ލިބޭ އަދަދުތައް މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި މި މައުލޫމާތުތައް މިހާރު ޔޫތު މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެހީއަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން ދެ މީޑިއާއަކުން މިހާތަނަށް އިޖުރާއަތްތައް ފުރިހަމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ ފަރާތްތަކަށްވެސް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޔޫތު މިނިސްޓްރީ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.
މީޑިއާތަކަށް މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޔޫތު މިނިސްޓްރީއާއި މީޑިއާ ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ އުސޫލުގެ މަތިންނެވެ. އެގޮތުން، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ.
މީޑިއާ ކޮމިޝަނުގެ އަމާޒަކީ 2025 ވަނަ އަހަރުގެ ބަޖެޓުން ކަނޑައެޅިފައިވާ މި އެހީ، މިއަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ލިބިގެންދިއުމެވެ. މިއީ ރާއްޖޭގެ މީޑިއާ ދާއިރާ ހަރުދަނާކޮށް، އަމިއްލަ މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

