ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެ ހިފުމުގެ ބިރު އެބައޮތްކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވައިގެން ވާހަކަދައްކަވަމުންނެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބަނދަރުތައް ހަދަމުންދާއިރު އެ މަސައްކަތް ކުރުމަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީއިން ހަރަކާތްތެރިވާކަން ފާހަގަކުރައްވާފައެވެ. ދާދިފަހުންވެސް ރާއްޖޭގެ ރަށަކަށް ބިދޭސީންތަކެއް އަރާ ރަށް ހިފަން އުޅުނު ފަދަ ގޮތަކަށް އަމަލްތައް ފެނިފައިވާތީ، އެފަދަ ގޮތަަކަށް މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ފަރާތުން ނުރައްކާތެރިކަމެއް އެބައޮތްތޯ އޭނާ ސުވާލުކުރެއްވިއެވެ. އަދި އެފަދަ ފަރާތްތަކުން ރާއްޖޭގެ ތަނެއް ހިފާފާނެތޯއާއި، ކިހާވަރަކަށް ރައްކާތެރިކަން ކަށަވަރުކުރެވިފައިވޭތޯވެސް އާޒިމް ސުވާލުކުރެއްވިއެވެ.
އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖެއިން ބޭރުގެ ފަރާތްތަކުން، ރާއްޖޭގެ ތަންތަން ހިފާފައިވާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ފަރާތަކުން ރާއްޖެ ހިފާފާނެ ކަމުގެ ބިރު މާ ބޮޑު ކަމަށް އަސްލަމް ވިދާޅުވިއެވެ.
”ބޭރުގެ މަސައްކަތު ބަޔަކު ރާއްޖެ ހިފުމަށް ވުރެ މާ ބިރުގަންނަން ޖެހޭ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ރާއްޖެ ހިފާފާނެތީ“
މިނިސްޓަރ އަސްލަމް މިފަދައިން ވިދާޅުވެފައިވާއިރު، އެވާހަކައިގައި އިޝާރާތް ކުރެއްވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމަށް ބުނާބުނުމަށްކަމަށް ލަފާކުރެވެއެވެ. އެމައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ސަލަފްއަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންނެވެ. .
ސަލަފްއަށް ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރަމުންދާއިރު ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި، ސަލަފް ޖަމިއްޔާ އިން ނެރުނު ބަޔާނެއްގެ ސަބަބުން އަފްރާޝީމް އަވަހާރަކޮށްލަން ހިތްވަރު ލިބުނު ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ސަލަފް ޖަމިއްޔާގެ އެއްވެސް އިލްމުވެރިއެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.
ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓްގެ ޚުލާސާ އިއްވަވަމުން ރައީސް ނަޝީދު ވަނީ ހަރުކަށި ފިކުރުގެ ހަރާކާތްތައް މިހާރުން މިހާރަށް ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބުގެ މަގަށްދާނެކަމަށާއި، އަފްރާޝީމްގެ ރިޕޯޓަށް އަމަލުކުރުން ކަމާބެހޭ ހުރިހާ އިދާރާތަކުން އަވަސް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

