2026 ވަނަ އަހަރުން ފެށިގެން ތެލެސީމިއާއަށް ފަރާތްތަކަށް އެލެވެންސެއް ދިނުމަށް ތައާރަފުކޮށް ސަރުކާރުން އެކަން އިއުލާނުކޮށްފި އެވެ.
އިޖްތިމާއީ ރައްކާތެރިކަމާއި، ސިއްހީ ދާއިރާގެ މުހިންމު 05 ޕްރޮގްރާމެއް ސަރުކާރުން މިއަދު އިފްތިތާހުކޮށްފައިވެއެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވެފައިވާ ވައުދުތަކުގެ ތެރޭގައި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތައް ހައްލު ކުރުމާއި އެކު، ބޭސްފަރުވާގެ އެކި ދަތިތަކަށް ހައްލު ގެނައުމަށް ސިޔާސަތުތައް ކަނޑައެޅުން ހިމެނެ އެވެ.
މި ވައުދުތަކާއި އެއްގޮތަށް ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިފްތިތާހުކުރިއިރު އޭގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ހިނގާ ހަރަދުތައް އާސަންދަ މެދުވެރިކޮށް ކަވަރ ކުރުން ހިމެނެ އެވެ. އަދި ފިލިޕީންސްގައި ދިރިއުޅޭ ދިވެހިންނަށް އާސަންގަ ވަނީ ތައާރަފުކޮށްފަ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އިއުލާނު ކރި ގޮތުގައި، ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް 2026 ވަނަ އަހަރުން ފެށިގެން މަހަކު 2000 ރުފިޔާގެ އެލަވެންސެއް ލިބޭނެ އެވެ.
ތެލެސީމިއާ ކުދިންނަށް އެލަވެންސެއް ސަރުކާރުން ކަނޑައަޅައި، ތަންފީޒު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަމުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި އެލަވަންސްގެ ސަބަބުން އެ ކުދިންނަށް މިހާރު ލިބޭ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
ތެލަސީމިއާ އެލަވަންސަށް 2026 ގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ތެލަސީމިއާ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހަވެސް ބޮޑަށް ރަނގަޅުކުރުމުގެ ގޮތުން ހުޅުމާލެ އޮރެންޖް ހިޔާއަށް ވަނީ މާޅޭގައި ދެމުންދިޔަ ޚިދުމަތްތައް ބަދަލުކޮށްފައެވެ. ހަމައެއާއެކު ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ތެލެސީމިއާއަށް ސްކްރީން ކުރެވިފައިވާ ކުއްޖަކަށް ހެދުމަށް، އަދި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި ބޯންމެރޯ ޓްރަންސްޕްލާންޓް ހެދުމުގެ އިންތިޒާމު ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދެއްވުމުގެ އިންތިޒާމު ހަރުދަނާކުރުމާއި ތެލެސީމިއާ ކުދިން ހަދަންޖެހޭ މުހިއްމު ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފަ އެވެ.

