ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ މިސްޓަރ ފްރޭންކް ހެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުވުމުގައި، ރާއްޖޭ ޖުޑީޝިއަރީ އިޞްލާޙް ކުރުމަށް ކުރައްވަމުންދާ މަސައްކަތް، ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރަައްވާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ މިސްޓަރ ފްރޭންކް ހެސް ވަނީ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރައްވާފައެވެ. އަދި، ރާއްޖޭގެ ޖުޑީޝިއަރީ އިޞްލާޙް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން ލިބޭނެކަން ފާހަގަކުރައްވައި، އެކަމުގައި ކުރިއަށް ދެވިދާނެގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

