މުޖުތަމައުއެއްގެ ހައިސިއްޔަތުން ދިވެހިން ނޫނެކޭ ބުނަންވީ ވަގުތުއައިސް ޖެހިއްޖެކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ހިސާން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ގަތުުލުއާއްމާއި، އަނިޔާކުރުމާއި ތަންތަނަށް ގެއްލުންދިނުން އިންތިހާއަށް ގޮސްފައިވާކަމަށާ، އެކަންކަމަށް ނޫނެކޭ ބުނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަކީ މަކަރުވެރި، ކުށްވެރިންކަމަށާ، އެފަރާތްތަކާއި ދެކޮޅަށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ.
https://twitter.com/hisaanhussain/status/1199074472084561927
ހިސާން މިމޭރުމުންވާހަކަދައްކަވާފައިވާއިރު، ހަރުކަށި ފިކުރު ރާއްޖޭގައި އަށަގަނުވަން މަސައްކަތްކޮށް، ދީނުގެ ނަމުގައި ރާއްޖެ ނުރައްކަލަށް ހުށަހަޅަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ވަނީކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައަކީ ރާއްޖެގައި ހަނގުރާމަވެރި ސެލްތައް ޤާއިމްކުރުމާއި، ދީނުގެ ނަމުގައި ގަތުލު އާއްމު ހިންގުމުގެ އިތުރުން، ކުޑަކުދިންނަށް ޖިންސީގޯނާކޮށް ކޯޓުން ބޭރުން ކުޑަކުދިންނާއި ކައިވެނިކުރާ މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައެކެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ށ. މާއުނބޫދޫއަށް އަރާ ބަޔަކުވަނީ އެރަށުގައި އައިސިސްގެ ދިދަ ޖަހާފައެވެ. އަދި 13 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް، އެ ކުއްޖާ ބަލިވެ އިނދެ ވިހޭ މައްސަލަ ކަމާއި ބެހޭފަރާތްތަކުން ދަނީ ބަލަމުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ހަނގުރާމައަށް ފޮނުވާ މީހުން ތިބި ކަމަށާ، އެކަމަށް ވާގިވެރިވާ ސެލްތައް ތިބިކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ ބުނެފައެވެ. އެފަދަ މައްސަލަތައް ހުއްޓުވަން ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށް މެމްބަރުން ގޮވާލިއެވެ.

