އެމްޑީޕީއަށް ނަިއބު ރައީސަކު ހޮވުމަށް ބޭއްވި އިންތިޙާބާއި ގުޅިގެން 11 މައްސަލައެއް ފާހަގަކޮށް އެ އިންތިޙާބުގައި ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ޕާޓީ އޮފީހަށް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބުގައި ނައިބު ރައީސް ކަމަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެން އަސްލަމް ވަނީ އެ އިންތިޙާބުގެ ނަތީޖާ ޤަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ އިންތިޙާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ އެ ރިޕޯޓު އަސްލަމް ވަނީ މިހާރު ޕާޓީ އޮފީހަށް ހުށަހަޅާފައެވެ.
ރިޕޯޓުގައި ފާގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި:
1- ވޯޓުލާން ފެށުމާއި ހަމައަށްވެސް ވޯޓު ފޮއްޓާ ހަވާލުވެ ހުންނާނެ ފަރާތެއް އާންމުކޮށް އެނގޭނެ ގޮތެއްނެތުން
2- ވޯޓު ފޮށި ކައިރީގައި ކެންޑިޑޭޓްގެ ފަރާތުން ހުންނާނެ ފަރާތެއް ކަނޑައަޅާ، ބަހައްޓަން ފުރުސަތު ހުޅުވާލާފައި ނުވާ ހިނދު ، ވޯޓުލީ ދުވަހު މަންދޫބުންގެ ކާޑުތައް ބަހާފަިއވުން، އަދި އެ ކާޑުތައް ވަކި ބަޔަކަށް ދޫކޮށް ވަކި ބަޔަކަށް ނުލިބި ދިއުމާއި، އެ ދޫކުރާ އުސޫލެއް އެދުވަހު އެނގިފައި ނެތުމުގެ ސަބަބުން މަންދޫބުންނަށް ގިނަ ވޯޓު ފޮށިތަކުގައި އޮބްޒާވްކުރުމުގެ ފުރަސަތު ނުލިބުން.
3- ވޯޓު ފޮއްޓާ ހަވާލުވެ އަދި ކަރުދާސް ދޫކުރުމަށް އޮފިޝަލުންގެ ގޮތުގައި ވަކި ކެންޑިޑޭޓެއްގެ ކެންޕެއިންގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ތިބުން.
4- ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ބައެއް ރަށްތަކުގައި ވޯޓު ފޮަށި ނެތުން.
5- ބައެއް ރަށްރަށުގައި ވޯޓުލާން ފެށުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ދެތިން ގަޑިއިރު ލަހުން ވޯޓުލާން ފެށުން.
6- ގިނަ ރަށްރަށަށް އެންގުމަކާއި ނުލާ ވޯޓުލުމުގެ ވަގުތު 18:00- 19:00 އަށް އިތުުރުކޮށް އިއުލާނުކުރުމުގެ ސަބަބުން ބައެއް ރަށްރަށުން ވޯޓުފޮށި ބަންދުކުރުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ކުރިން ބަންދުކޮށް ނަތީޖާ އިއުލާނުކުރުން.
7- އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ މީހުންގެ ނަންނަތައް ވޯޓު ލިސްޓުން އުނިވެފައިވުން، އަދި މިހެން ނަންތައް އުނިވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެކަން އާންމުކުރެވިފައި ނެތި، އެފަދަ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުން.
8- ރަށްރަށުގައި ރެޖިސްޓްރީވެ ވޯޓުލާން ހައްގު ލިބިފައިވާ އެމްޑީޕީގެ މެންބަރުންގެ އަދަދައްވުރެ ގިނައަދަދަކަށް 14 ވޯޓު ފޮށްޓަކަށް ވޯޓުލާފައިވުން.
9- ވޯޓުލީ ކަމަށް އަސްލަމްގެ ކެމްޕެއިން އެޖެންޓުންގެ ޓެލީ ޝީޓުން ފާހަގަކޮށްފައިވާ އަދަދަށްވުރެ އިތުރަށް 61 ވޯޓު ފޮށްޓަކަށް ވޯޓުލާފައިވާކަން ފާހަގަކުރެވިފައިވުން.އެ ފޮށިތަކަށް ލެވިފައިވާ ޖުމްލަ ވޯޓުގެ އަދަދަކީ 6959 ވޯޓެވެ.
10- ވޯޓު ފޮށި ބަހައްޓާފައި ނެތް 6 ރަށެއްގައި ވޯޓުލީ ކަމަށް ކަނޑައަޅާ، ވަގުތީ ނަތީޖާއަށް ވޯޓުތަކެއް އިތުރުކޮށްފައިވާކަން ފާހަގަކުރެވުން.
11-ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ 176 ފޮށިން އަސްލަމްއަށް ލިބިފައިވާވޯޓުގެ ޖުމްލަ އަދަދު، ނަތީޖާ ކަރުދާސްތަކުން ދައްކާ ޖުމްލަ އަދަދަށް ވުރެ މަދުކަން.
އަސްލަމް ވިދާޅުވީ ހުށަހެޅި ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ އިތުރަށްވެސް ބައެއް ޝަކުވާތައް އޭނާގެ ކެމްޕެއިން އޮފީހަށް ލިބެމުން އަންނަ ކަމަށާއި އިންތިހާބު ޤަބޫލު ނުކުރައްވާކަން ތަކުރާރުކުރެއްވިއެވެ. އަދި މިހާތަނަށް ހިމަނާފައިވާ ޝަކުވާތަކުގެ ސަބަބުން އަސްލަމްގެ އިންތިހާބީ ހައްގަށް އުނިކަން ލިބިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިންސާފުވެރި ދިމަކްރާތީ އިންތިޙާބެއް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ އިންތިހާބު ކާމިޔާބު ކުރެއްވި ޝިފާޒަށް ލިބިފައިވަނީ 13،233 ވޯޓެވެ. އަދި އަސްލަމްއަށް ލިބިވަޑައިގަތީ 9،957 ވޯޓެވެ.
ސަންގައް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އިންތިޙާބު ޤަބޫލު ނުކުރާކަމަށާއި އިންތިޙާބުގައި ފާހަގަކުރެވުނު 10 ކަމެއް ފާހަގަކުރައްވާ އެ މައްސަލަ ޕާޓީ އޮފީހަށް ވައްދަފައިވާ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ސަންގުއިން މަސައްކަތް ކުރުމުން، އެއީ ޕާޓީގެ އެެތެރޭގެ މައްސަލައެއް ކަމުން އިތުރު މައުލޫމާތު ދިނުމަށް އަސްލަމް ވަނީ އުޒުރުވެރިވެފަައެވެ.
ފުލް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރު މައްސަލަތަށް ފާހަގަކުރެވި މައުލޫމާތު އެއްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

