ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގާއި، އެޅި ފިޔަވަޅުތަކާއި މެދު މެމްބަރުންގެ ޝަކުވާ!

މެމްބަރު ނިޔާޒް މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރު، އަދި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި، މަރުގެ ކޮމިޝަނުން އަމަލު ކުރި ގޮތާއި، އެ ރިޕޯޓާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރި ގޮތާއި މެދު މަޖިލީހުގެ މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް، ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓްގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހަޅާއެ ރިޕޯޓާއި މެދު ވަނީ ބަހުސްކޮށްފައެވެ. އެ ރިޕޯޓް އިއްވަވާދެއްވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ އެ ރިޕޯޓްގައި ޖުމުލަ އެގާރަކަމަކަށް ލަފާދީފައިވާކަން ފާހަގަކުރައްވާފައެވެ.

އޭގެތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އެ މައްސަލައިގައި ޖިނާއީ ކުށްތައް ކުރި ފަރާތްތަކާއި މެދު އަވަހަށް ފިޔަވަޅު އެޅުން (އޭގެތެރޭގައި ޑރ.އަފްރާޝީމްގެ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ބެލެވޭ ހުމާމްއާއި، ކްރަސްޓީސް ރެސްޓޯރެންޓްގައި ތިބި ޖަރީމާ ހިންގުމުގައި ބައިވެރިވީ ފަރާތްތަކާއި، އެ މައްސަލައިގައި ތުހުމަތުކުރެވޭ އަށާރަ އަހަރުގެ ކުއްޖާވެސް ހިމެނެއެވެ.

މީގެއިތުރުން ހައްދު ފަހަނައަޅާފައިވާ ޖަމާއަތުގެ ފައިނޭންސް ހިނގާފައިވާ ގޮތް ބަލާ ހޯދުމާއި، ސަލަފް ޖަމާއަތުން ދެއްކި ވާހަކައަކުން ޑރ.އަފްރާޝީމް އަަވަހާރަކޮށްލަން ބާރު ލިބޭކަމަށް މަރުގެ ކޮމިޝަނުން ބުނާތީ އެ ޖަމާއަތުގެ މާލީ ހިސާބުތައް ހޯދުމާއި، ޑރ.އަފްރާޝީމްގެ މަރާއި ގުޅުން ހުރި މީހުން ފުރާފައިވާތީ އެމީހުން ފުރަން ހުއްދަދިން ފަރާތްތައް ދެނެގަތުމަށް ޑިފެންސް މެދުވެރިކޮށް އިމިގްރޭޝަންގައި އެދުމާއ، ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހަގީގަތް އެނގި ތިބެ ސިއްރު ކުރި މީހުންން ހޯދާ ފިޔަވަޅު އެޅުމާއި، ފުލުހުންގެ ކުރީގެ އިންޓެލެޖެންސަށް އެ މައުލޫމާތު ލިބި ފިޔަވަޅު ނޭޅި މައްސަލައާއި، ފުލުހުން ހިންގި ތަހުގީގުގެ ތަފްސީލާއި، އެ މައްސަލައިގައި ދައުވާ ކުރިގޮތާއި، ދައުވާ ކުރި ފަރާތުގެ އިތުރުން ޝަރީއަތް މިހާތަނަށް އައިއިރު ހިނގާފަހުރިގޮތުގެ ތަފްސީލް ހޯދަން ވަނީ އެދިފަވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މެމްބަރު ހަސަން ލަތީފް މަޖިލީހުގައި ވާހަކަދައްކަވަނީ

މި މައްސަލައަށް ބަހުސްކުރައްވަމުން، ހ.ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން މި މައްސަލަ ބަލާފައިވާގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ހަސަން ލަތީފް ވިދާޅުވީ، ހޯމް މިނިސްޓަރ ޝޭހް އިމްރާން، މަރުތަކާއި ބެހޭ ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރާނެ ޖާގަ ނެތްކަމަށް ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް އެކަން ޤަބޫލު ނުކުރައްވާކަމަށް ހަސަން ވިދާޅުވިއެވެ. ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން އިތުރަށް ތަހުގީގުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާ، ފުލުހުންނަށް ކުރެވޭނެ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ރިޕޯޓުން ޖިނާއީ ކުށް ފާހަވާ ކަމަށާ

”އަޅުގަނޑެއް އެންމެ ހިނދުކޮޅަކަށްވެސް ޤަބޫލެއް ނުކުރަން އެކަން އޮތީ އިއްޒަތްތެރި މިނިސްޓަރ ވިދާޅުވި ގޮތަކަށް ކަމަށް. ދިވެހި ފުލުހުންގެ އެ ޤާބިލްކަން ނެތްކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މިހާރު މި ރިޕޯޓްގައިވާ ފަރާތްތަކާއި މެދު ކުރެވޭނެ ކަންކަން އެބަހުރި. ތަހުގީގު ކުރެވޭނެ.“

މެމްބަރު އަލީ އާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ

މެދު ހެންވެރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ، މަރުތަކާއި ބެހޭ ކޮމިޝަނުން، ފުލުހުން ދައުވާ ކުރޭތޯ ބަލަން މަޑު ކުރަން ނުޖެހޭކަމަށް ވިދާޅުވެފައެވެ. އެ ކޮމިޝަނަށް ޤާނޫނީ ބާރު ދިނީ ދައުވާކުރަން ޖެހިއްޖެނަމަ އެކަން ކުރަން ފުުރުސަތުދޭން ކަމަށާ އެ ބާރުގެ ބޭނުން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަރުތަކާއި ބެހޭ ކޮމިޝަނުން ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުރިހަމަ ބާރު ބޭނުންކޮށްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މައްސަލައިގައި ފައިސާ ހަރަދު ކުރި ފަރާތްތަކާއި، ހަރަދު ކުރި ގޮތުގެ ތަފްސީލް ވީ އެންމެ އަވަހަކަށް ހޯދުމަށް އޭނާ ގޮވާލެއްވިއެވެ. އާޒިމް ވަނީ ކޮމިޝަނުން ފުރިހަމަ ބާރު ބޭނުން ކުރި ނަމަ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ދައުވާ ކުރެވޭނެ ކަމަށެވެ.

”ކޮމިޝަނަށް ދީފައިވާ ބާރުތައް ވަރަށްވެސް ބޮޑު. އެހެންނަމަވެސް އެ ކޮމިޝަނަށް ދިން ބާރުތައް އެއްކޮށް ބޭނުން ކުރި ކަމަށް ކުޑަކޮށްވެސް ޤަބޫލު ނުކުރަނީ މުޅި ރިޕޯޓް އެއްކޮށް ކިޔާ ނިންމާލީމަ.“

މީގެ އިތުރުންވެސް މެމްބަރުން ވަނީ މި މައްސަލަ ދިގުލައިގެން ގޮސްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފާއިތުވި ސަރުކާރުތަކުން މި މައްސަލައިގައި ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށް މެމްބަރުން ވިދާޅުވިއެވެ. ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ އަކީ ސިޔާސީ ކަމެއްކަމަށް މީގެ ކުރިން ބުނި ނަމަވެސް، އެމަނިކުފާނު އަވަހާރަކޮށްލީ ހަރުކަށި ދީނީ ފިކުރުގެ ބަޔަކު ކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ސަލަފް ޖަމިއްޔާއިން ނެރުނު ފަތުވާއެއްގެ ސަބަބުން އެކަމަށް ހިއްވަރު ލިބުނުކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: