ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ހައިދަރު ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރާއި ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، އެގައުމުގެ ވެރިރަށް ޑާކާގައެވެ. މިނިސްޓަރހައިދަރު ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އެޤައުމުގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޗީފް އެޑްވައިޒަރ ދެއްކެވި ވާހަކަފުޅުގައި، ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޙައިދަރު އެގައުމަށް މިފަދަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ހައިދަރު ވަނީ ރައީސްގެ ފަރާތްޕުޅުން ތަޢުޒިޔާ ދަންނަވާ، ބޭގަމް ޚާލިދާ ޒިޔާއަކީ ރާއްޖެއާއި ގާތް ގުޅުމެއް ބޭއްވެވި ބޭކަނބަލެއްކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއަށް ބަންގްލަދޭޝްއަކީ މުހިންމު ގައުމެއްކަމަށާއި، ދިވެހި މުޖުތަމަޢު ތަރައްގީކުރުމުގައި އެގައުމުގެ މަސައްކަތްތެރިންގެ ދައުރަށް، މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ދިވެހި ދަރިވަރުން މެޑިކަލް އިންޓަރންޝިޕް ނިންމުމުގައިި އެގައުމުން ފަހިކޮށްދެމުންދާ ފުރުސަތުތަކަށްވެސް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.

ޗީފް އެޑްވައިޒަރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ގާތް އެކުވެރި ދެގައުމުކަން ފާހަގަކުރެއްވިއެވެ. އަދި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި، ޖަމާއަތެއްގެ ގޮތުގައި އަދިވެސް ސާކް ހަރަކާތްތެރިވާކަމުގެ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހައިދަރު ވަނީ، އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. ޗީފް އެޑްވައިޒަރު ވަނީ، ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ތަފްސީލް ހިއްސާކުރައްވައި، ރާއްޖެއިން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުވުމުގައި، ކަނޑުގެ ދިރާސާގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން މިނިސްޓަރ ހައިދަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތައުޒިޔާގެ މެސެޖެއް ޗީފް އެޑްވައިޒަރާއި ހަވާލުކުރައްވާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: