ދިވެހިރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގުމުގައި ތިބޭނީ، ދިވެހި ކުންފުނިތައްކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް މިއަދުގެ ވަގުތެއްގައި އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މި ރިޕޯޓުތަކުގައި އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަކަށް ފަހު އިންޑިއާގެ ސިވިލް އޭވިއޭޝަނުގައި އެ ގައުމުގެ ކުންފުންޏަކުން ހިންގުމާއި ހަވާލުވުމަށް އެދިފައި ވަނީ ދިވެހި ސަރުކާރުން ކަމަށެވެ.
މި ވާހަކަތައް ދޮގުކޮށް ”އެކްސް“ ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އަމީން ވިދަޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހާ އެއާޕޯޓެއް ވެސް ދިވެހި ކުންފުނިތަކުން ހިންގުން ކަމަށެވެ. އަދި ރާއްޖޭގައި އޮޕަރޭޓު ކުރާ އެއްވެސް އެއާޕޯޓެއް ހިންގުމަށް ބޭރުގެ ބަޔަކާއި އަދި ގައުމަކާއި ވެސް ހަވާލު ނުކުރާނެކަމަށް އަމީން ވިދާޅުވި އެވެ.
ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 9 ގަ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން އޭ 320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭނެއެވެ.
މީގެއިތުރުން އެއާޕޯޓުގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްގީކޮށްފައެވެ.
މި އެއާޕޯޓުގެ ވަނީ، 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް ތަރައްޤީކޮށްފައެވެ.

