ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް އަވަހަށް ބޮޑުވަޒީރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރުގެ ނައިބުކަމަށް ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށާއި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ބަރުލަމާނީ ނިޒާމް ގެންނަވާނެ ކަމަށެވެ.
“ ބަރުލަމާނީ ނިޒާމެއް އައީމަ އަޅުގަނޑު ބޭނުން ޑެޕިއުޓީ ޕްރައިމް މިނިސްޓަރކަން. އެއީ އަޅުގަނޑުގެ ކޮންޑިޝަންތަކަކީ. މިޙާރު ވަރަށް ސާފުކޮށް މިވާހަކަދައްކަވަނީ. ކޯލިޝަންއެއް މިވަގުތަކު ނެތް. ޤާނޫނު އަސާސީއެއް ނުބުނެ ކޯލިޝަންއެއް އޮންނަން ޖެހޭނެ ކަމަަކަށް“
ޖާބިރު ވަނީ ރައީސް ސޯލިހު އަށް “ ސޯލިހުވުމަށް“ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކައިރިން ސަލާމަތްވުމަށާއި ކޯލިޝަންގެ ލީޑަރުން ކަމުގައިވާ މައުމޫންއަބްދުލްޤައްޔޫމްއާއި ޤާސިމް އިބްރާހީމް ދޫކުރައްވާ ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަރުވައިގެން ރާއްޖޭގެ ސިޔާސީ ވެށި، ރައްކާތެރި ކަމާއި އަމާނާތްތެރި ކަމާއެކުކުރިއަށްގެންގޮސް، ޚަރަދުކުޑަ ސަރުކާރެއް އެކުލަވާލުމަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެއްބާރުލުން ދިނުމަށް ވަނީ ގޮވާލައްވާފައެވެ.
“ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ރުއްގަހުގެ މައްސަލަ ވަރަށް ބޯޑުވެއްޖެކަން. ރާއްޖޭގައި ރިސޯޓުތައް އަޅަމުން އެގެންދަނީ. ރާއްޖެއިން ލިބެން ހުންނަ ވަސީލަތްތަކުން، ރާއްޖެގެ ރައްޔިތުން ފްރީ އޮފް ޗާޖުކޮށް ލިބެން އެބަޖެހޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް ކޭޝް ފޮލޯ ބެލެންސްނުކޮށް ދާދިއުން ބަދަލުކުރަންވީ. ރާއްޖޭގެ ފައިނޭންޝިއަލް ސިސްޓަމް ބަދަލުކުރަންވީ. ކޮރަޕްޝަންގެ މަޅީގައި ޖެހިފަ ތިބި މީހުން، މިސާލެއްގެ ގޮތުން މާލިއްޔަތު ކޮމިޓީގެ އެ އިންނަވަނީ އަނބިކަނބަލުންގެ ގޮނޑި ވިއްކައިގެން ގެސްޓްހައުސް އަޅާ މީހެއް. ކިހިނެތްތޯ އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭނީ ބަޖެޓު ދިރާސާ ކުރައްވަނީ އޭނާ. ރާއްޖޭގައި، މި މަޖިލީހުގައި އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައި ތިބި މެންބަރުން އެބަ ހާމަ ކުރަންޖެހޭ. އިއްޒަތް ތެރި ރައީސް، ރައްޔިތުންގެ ރައީސް މަނިކުފާނު ތިއީ. ދެން ތިއްބެވީ ހުސް މަޖިލީހުގެ މެންބަރުން މިތާ. އިއްޒަތްތެރި ރައްޔިތުންގެ ރައީސްއަށް އެނގިވަޑައިގަންނަވަންވީ ރާއްޖެ ރަނގަޅު ކުރުމަށްޓަކައި ބޮޑު ޤުރުބާނީއެއްވެވަޑައިގަންނަވަން ޖެހޭކަން“
ރައީސް ނަޝީދު ޖަލުން މިނިވަންވެވަޑައިގެން ކުރައްވަމުންގެންދަވާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ ބުރަ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާ ވަހަކަދައްކަވާފައެވެ. އަދި ޑީއަރުޕީއިން ރައީސް ނަޝީދުއާއި ކޯލިޝަން ހެއްދެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

