ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ރ. މަޑުއްވަރީ އިސްމާއިލް ހައްމާދު، ޒަހަމްކޮށް ވައްޓާލި މައްސަލަވެގެން ދިޔައީ އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު މައްސަލައަކަށެވެ.
ދޯނީގައި ހިނގައިދިޔަ ދެ ބަސްވުމެއްގެ ތެރެއިން، ހައްމާދު މަރާލުމަށް ހަމަލާދިން އޭނާގެ އެކުވެރިންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހުންނެވެ. އަދި ހައްމާދުއަކީ ވެސް އެފަދަ ވިސްނުމުގެ މީހެއްކެވެ. ބުރާސްފަތި ދުވަހު ވެސް އާދައިގެ މަތީން ލަނޑާ ނަގަން ނިކުމެ އުޅެ، ރޭވިކަމެއްގެ ތެރެއިން ހައްމާދު އެމީހުންނާއި ބައިވުމަށް ދެކޮޅު ހެދިކަމަށްވެއެވެ. އެ މައްސަލައިގައި، އަރައިރުންވެސް، ހައްމާދުއަށް އެކި ފަހަރުމަތީން ތޫނު އެއްޗަކުން ހަމަލާދީ، ވައްޓާލީ މޫދަށެވެ.
މައްސަލަ ފެންމަތިވުމާއި އެކު ދެން އެނިގެން ދިޔައީ، ހައްމާދުއަކީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކޯޓުން ބޭރުން އޭނާ ގަބޫލު ކުރާ އުސޫލާއި އެއްގޮތަށް ކައިވެނިކޮށްގެން ހުންނަ މީހެއްކަމެވެ. އަދި އެ ކުއްޖާ ބަނޑުބޮޑުވެ މީގެ ހަފްތާއެއްހާ ދުވަހެއް ކުރިން ވިހާފައިވާކަމަށް ”ސަންގު“ އަށް ވެސް ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖޭގެ މީޑިއާތަކާއި، ސޯޝަލް މީޑިއާ ވަނީ ހޫނުވެފައެވެ. މީޑިއާތަކުގެ ޕްރެޝަރާއި، ސޯޝަލް މީޑިއާގައި މީހުން ކަންބޮޑުވުންފާޅު ކުރުމަށް ފެށުމުން ޖެންޑާ މިނިސްޓްރީއިން ވަނީ ޓްވީޓެއްކޮށް ބުނެފައިވަނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކުރި ކުރި ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގު އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.

ހައްމާދުއަށް ހަމަލާދިން އިރު ދޯނީގައި ތިބި މީހުންގެ އަދަދު ސާފެއް ނޫނެވެ. އެހެން ނަމަވެސް، ހައްމާދު މަރުނުވާކަން އެނގުމުން ދެ މީހަކު ”ގެއްލިގެން އުޅޭ މީހެއް ނުފެނިގެން“ ކަމަށް ބުނެ މާޅޮހަށް އަރާ ރަށުގެ މީހުންނާއި ސުވާލު ކުރިއެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން، ވިދާޅުވީ މައްސަލައިގައި މިހާތަނަށް ކުރިއަށް ގެންދިޔަ ތަހުގީގަށް ފެނުނީ މައްސަލައިގައި ހައްޔަރު ކުރަން ޖެހެނީ އެންމެ މީހެއް ކަމަށެވެ. އަދި އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިމްރާން ވިދާޅުވީ ހައްމާދުއަށް ހަމަލާ ދިނީ އެންމެ މީހެއް ކަމަށާއި ދޯނީގެ އެހެން މީހުން އެވަގުތު ތިބީ ”ނިދާފައި“ ކަމަށެވެ.
ހައްމާދު ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން ކަނޑަށް ފުންމާލައިގެން، ފަތާފައި އެރީ މާޅޮހަށެވެ. އަދި އޭނާ އެހީއަށް އެދުނީ އެ ރަށުން ދިމާވި ދެ މީހެއްގެ ފަރާތުންނެވެ. އަދި ދޯނީގައި ވީ ދެބަސްވުމެއްގެ ތެރެއިން ”ބަޔަކު“ އޭނާއަށް ހަމަލާދިނީކަމަށް އެ މީހުން ކައިރީ ބުނިކަމަށް ވެއެވެ.
ހައްމާދުގެ ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެ އެވެ. ދެ އަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދެމެދު ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ އަށް މަރުން ސަލާމަތްވެވުނީ މޫދަށް ފުންމާލުމުންނެވެ.
އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް، އއ. ރަސްދޫ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.
މައްސަލައާއި ގުޅިގެން، އިމްރާނާއި މެމްބަރުން އެތައް ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. އެހެން ނަމަވެސް، އިމްރާން ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ ހައްމާދަށް ވަޅިން ހަމަލާދިން މީހާ ކަމަށެވެ. އަދި ތަހުގީގަށް ހޯދުނު މައުލޫމާތު ތަކުން ދޯނީގެ ގިނަ މީހުން ތިބީ ”ނިދާފައި“ ކަމަށް އިމްރާން ތަކުރާރު ކުރެއްވިއެވެ.
އިމްރާން މިހެން ވިދާޅުވުމާއި އެކު، މެމްބަރުން ވަނީ އެ ދޯންޏާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އިމްރާން ވިދާޅުވީ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯނި ގެނެސްފައި ނުވާކަަމަށެވެ. އިމްރާންގެ ޖަވާބާއި ގުޅިގެން ބައެއް މެމްބަރުން ވަނީ، ނިޒާމީ މައްސަލައެއް ނަންގަވާ ދޯނީގައި އެރޭ ހިނގައިދިޔަ ކަންތައް ސާފުވާނީ ދޯނީގައި ތިބި އެހެން މީހުންނާއި ވެސް ސުވާލުކޮށްގެން ކަމަށެވެ. އަދި އެ ދޯނި ތަހުގީގީ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނެ ކަމަށް މެމްބަރުން ބުނެފައިވެއެވެ.

ނަމަވެސް އިމްރާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ”ހައްޔަރު ކުރަން ޖެހޭ“ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އިތުރު މީހަކު ހައްޔަރު ކުރަން އަދި ތަހުގީގަށް ނުފެންނަ ކަމަަށެވެ.
އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އިވާ ވަނީ، އިމްރާން ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ދޯންޏެއްގެ ތެރޭގައި އެފަދަ ބޮޑު ހަމަނުޖެހުމެއް ހިނގާ، މީހަލު ގަތުލުކުރުމަށް ހަމަލާ ދޭއިރު އެއްބަޔަކު ނިދީގައި ތިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭކަމަށެވެ. އަދި އެންމެ މީހަކު މައްސަލައިގައި ހައްޔަރުކޮށްގެން ރަނގަޅު ތަހުގީގެއް ހިންގޭނެ ކަމަށް ވެސް ގަބޫލެއް ނުކުރެވޭކަމަށެވެ.
”ސަންގު“ އަށް ކަށަވަރުވެފައިވާގޮތުން 13 އަހަރުގެ ކުއްޖާގެ މިއީ ފުރަތަމަ ކައިވެންޏެއް ނޫނެވެ. އެ ކުއްޖާގެ މައިންބަފައިން އެކުއްޖާގެ އުމުރުން އެންމެ 9 އަހަރުގައި ވެސް ކޯޓުން ބޭރުން އަމިއްލައިން އެހެން މީހަކާއި ކައިވެެނި ކުރުވިއެވެ. އަދި އިތުރު އެހެން މީހަކާއި ވެސް ކައިވެނި ކުރުވިވިއެވެ. އެއަށްފަހު، ހައްމާދުއާއި އެ ކުއްޖާއާއި ކައިވެނި ކުރުވީ އެ ކުއްޖާގެ އުމުރުން 12 އަހަރުގައެވެ. އެއީ މިދިޔަ އަހަރެވެ. މިހާރު އެ ބުނާ ކައިވެންޏަކަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އާދީއްތަ ދުވަހު ޖެންޑާއާއި ފުލުހުން އެކީ ނެރުނު ބަޔާނުގައި ވާގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސްއަށް އެ އާއިލާއާއި ބެހޭ މައުލޫމާތު ލިބުނެވެ. އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމުކޮށްފައިވާ ކަމުގެ މަޢުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ވަނަ ދުވަހު ލިބުނުކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް، ޖޫން މަހަކީ ކޯޓުން ބޭރުން ހައްމާދު ކުއްޖާއާއި ކައިވެނި ކުރި މަހެވެ.

