ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވިސް މުއައްޒަފުންގެ ހެދުން އެޅުމުގެ އުސޫލު އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އެ ޕާޓީން ބުނެފައިވަނީ މިއީ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއަޅައި، ޒާތީ މިނިވަންކަން ހަނިކުރުމަށް ކުރާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އުސޫލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް ސީދާ ގޮތެއްގައި ހުރަސް އެޅިގެންދާ ކަމަށެވެ. އަދި މިއީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ ފެންނަ ފެނުން ނުވަތަ ”އެޕިއަރެންސް“ މޮނިޓަރ ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.

އެމްޑީޕީން އިތުރަށް ފާހަގަކުރި ގޮތުގައި، އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫނެވެ. އެހެންކަމުން، ޕްރޮފެޝަނަލިޒަމްގެ ނަމުގައި ހިންގާ މި އަމަލަކީ އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްގެ އަންހެން މުވައްޒަފުންނަށް މި އުސޫލު އަމާޒުކުރުމަކީ މިއީ އަހްލާގާ ގުޅޭ ކަމެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން ހާމަވާ ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ މި އުސޫލުތައް ވަގުތުން އުވައިލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލާފައެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އެ ޕާޓީން ވަނީ ހަނދާންކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: