ސަރުކާރުގެ މައި ޕާޓީ ޕީއެންސީގައި ތިބި މެންބަރުންގެ އަދަދު 74،000 އަށް އަރާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮމިޝަނުން މިރޭ އާންމު ކުރި މައުލޫމާތުތައް ދައްކާގޮތުގައި، 2025 ވަނަ އަހަރު ނިމުނުއިރު 09 ޕާޓީއެއް ވަނީ ރެޖިސްޓްރީކޮށްފަ އެވެ.
ޕީއެންސީގެ މެމްބަރުންގެ އަދަދު 74،048 އަށް އަރާއިރު މިއީ މިހާތަނަށް ސިޔާސީ ޕާޓީއެއްގައި މިހާ މެމްބަރުން ގިނަކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދެއްކި ފުރަތަމަ ފަހަރެވެ. ސަރުކާރުގެ އަމާޒަކަށްވީ ވެސް، ވެރިކަމަށް އަހަރެއް ފުރޭއިރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީއެންސީއަށް ވުމަށެވެ. އެހެންވެ އެކަމަށް ބޮޑު ކެމްޕެއިނެއް ފަށައި ރާއްޖޭގެ އެކި ރަށްތަކުގައި މެމްބާޝިޕް އިތުރު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މީގެ ކުރީގައި އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އޮތީ އެމްޑީޕީ އެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ ކޮމިޝަނުން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުން 43،784 އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުގައި މީގެ ކުރިން 10،000 މެމްބަރުން ހަމަވާ ބައެއް ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ދަފްތަރުގައި ތިބިކަމަށް ދައްކަނީ 8،267 މީހުންނެވެ. އަދި އެމްޑީއޭގެ މެމްބަރުންގެ އަދަދު ވެސް ވަނީ 9،686 އަށް ދަށްވެފަ އެވެ.
މީގެއިތުރުން ކޯޓުގެ ނިންމުމާއި އެކު ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނި އެމްއެލްއެސްޑީގައި ތިބީ އެންމެ 1،710 މެމްބަރުންނެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއް މިހާރު ކުރިޔަށް ނުގެންދާ ދަ ޑިމޮކްރެޓްސްގައި ތިބި މެމްބަރުންގެ އަދަދަކީ 2،952 އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްގެ މެމްބަރުންގެ އަދަދަކީ 3،012 އެވެ.
ސިޔާސީ މާބޮޑު ހަރަކާތެއް މިދިޔަ ދެ އަހަރެއްގެ ތެރޭގައި ހިންގާފައި ނުވީ ނަމަވެސް، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދަކީ 12،343 އެވެ.

