މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ”ކާކު ކަން ނޭނގޭ މީހަކު“ ވަރަށް ބޮޑެތި ގެއްލުންތައް ދީފިއެވެ.
މަންޒަރު ދުށް މީހަކު އެ ހާދިސާއާއި ގުޅޭ ވާޙަކަތައް ހިއްސާ ކުރަމުން ބުނެފައިވަނީ ކާރަށް ގެއްލުންދިނީ ގާބުރިއަކުން ކަމަށެވެ. އަދި އެއީ ކާކުކަން ނޭނގޭ މީހެއްކަމަށެވެ.
އައިންތުގެ ކާރަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފޮޓޯތަކުން ފެންނަގޮތުން ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ އެކީ ތަޅައިގެން ގޮސްފައެވެ. ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުން އައިންތު ހުންނަނީ މާޔޫސްކަމާއި އެކު، ކާރު ކައިރީގައި ހުއްޓިލައިގެންނެވެ.
ދައުރުވަމުން ދާ ފޮޓޯތައް ހިއްސާކުރަމުން ފޭސްބުކް ޕޭޖެއްކަމަށް ވާ ”ލޮގިކަލް މޯލްޑިވިއަން“ ގައި ބުނެފައިވަނީ “ މާލޭ ގައި ހަމައެކަނި ޓެކްސީކުރާ އަންހެނާ ކަމުގައިވާ އައިންތުގެ ކާރަށް ކާކުކަން ނޭނގޭ މީހަކު ގާބުރިއަކުން ޖަހާ ފަހަތު ބިއްލޫރިގަނޑު ތަޅާލައިފި“ މިހެންނެވެ. ފޮޓޯ ނަގާފައިވާ ގަޑިއަށް ބަލާއިރު އެ ހާދިސާ ހިނގާފައިވާކަމަށް ބެލެވެނީ މިއަދު އިރުއޮއްސި 06:15 ހާއިރު އެވެ.
މީގެ ދުވަސްތަކެއް ކުރިންވެސް އައިންތުގެ ކާރަށް، ގެއްލުން ދިން މައްސަލައެއް ފެންމަތިވިއެވެ. އޭރު، އެނގިފައިވާ ގޮތުގައި އައިންތުގެ ކާރަށް ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާއެވެ. ޓްރެކް ސަރަހައްދުން އައިންތުގެ ކާރު ދުއްވާފައި ދަނިކޮށް އޭނާގެ ކުރީގެ ފިރިމީހާ އެ ކާރު ހުއްޓުވައި، ގެއްލުންތައް ދިނީ އައިންތުއަށް ފުރައްސާރަ ވެސް ކުރުމަށް ފަހު ކަމުން، ފުލުުހުން އެ މައްސަލަ ބަލާފައިވަނީ ގެވެށި އަނިޔާގެ ގޮތުގައެވެ.
އައިންތު އަކީ މާލޭގެ ޓެކްސީ ސެންޓަރަކާ ގުޅިގެން ޓެކްސީ ދުއްވާ ހަމަ އެކަނި އަންހެން ޑްރައިވަރެވެ. އޭނާ ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ.


One Response
maaleyga tax kuraa hamaekani anhenakee teeth noon rangalah tantan velaafa nambaru liyebala