މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިންގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ މަޖިލީހުގެ މެމްބަރުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު އެކީގައި ބާއްވާ ގޮތަށް ކަނޑައެޅުމެވެ. މީގެ އިތުރުން މަޖިލީހުގެ ދައުރު ގުނާ އުސޫލު އިސްލާހުކޮށް، އެކަމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީވެސް މި ބިލުގެ މަގްސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ހުށަހެޅިފައިވާ ބިލުގައިވާ ގޮތުން، މަޖިލީހުގެ އިންތިހާބު ދެން ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރިޔާސީ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މި ބަދަލާ އެކު، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު 1 އަށް ހަމަވާނެއެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ އިތުރުން، ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ބަދަލުކުރުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަންކަން ކަމަށެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމުގެ ބަދަލުގައި، ފުރަތަމަ ބުރުން ވެރިއަކު ކަނޑައެޅޭނެ ނިޒާމެއް އޮތްތޯ ބެލުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލުކުރާ އުސޫލުތައް ދެނެގަނެ، ރާއްޖެއަށް އެންމެ އެކަށީގެންވާ މަގެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

