ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ މުހިންމު އިސްލާހުތަކެއް ނަމަވެސް، އެއީ ހަމައެކަނި ނަމަކަށް ހަދާ ގާނޫނަކަށް ވެގެންނުވާނެކަމަށް އިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ ޖުޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ. ބިލުގައި ހިމަނާފައި ވަނީ ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭތަނެއް ހިންގުން ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށެވެ. އަދި އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ހިމަނާފައި ވެއެވެ. ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 އަހަރާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބެއްކަމަށް ވަނީ 4 އަހަރަށް ޖަލަށްލުމެވެ.
އިސްލާހުގެ ބަހުސްގައި ޒިޔާދު ވިދާޅުވީ، ޖުވާކުޅުމާއި ޖުވާކުޅެން ބޭނުންކުރާ ތަކެތި އެތެރެކުރުމަކީ މިހާރުވެސް މަނާކަމެއް ނަމަވެސް، ގާނޫނުލްއުގޫބާތުގައި އެކަން ސާފުކޮށް ލިޔުމުން ހުކުމްކުރަން ފަސޭހަވާނެތީ އެ އިސްލާހަށް ތާއީދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ގައުމުގައި ހިނގާ ސްކޭމްތަކާއި އެހެނިހެން ކުށްތައް ނުހުއްޓުވި ވަނީ ގާނޫނު ނެތިގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ޒިޔާދުގެ ވާހަކައިގައި ވަނީ ސަރުކާރުން ގާނޫނުތައް ތަންފީޒުކުރުމުގައި ގެންގުޅެނީ ދޯހަޅި ސިޔާސަތުތަކެއްކަމަށް ބުނެ ފާޑުވިދާޅުވެފައެވެ. އެގޮތުން، މަޖިލީހުގެ ތަޅުމުގައި ވަރަށް ގިނަ ވަގުތިތީ، މަޝްވަރާކޮށްގެން ފާސްކުރި ގޭންގު ބިލު ތަސްދީގުކުރިތާ ތިން މަސް ނުވަނީސް، ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމުން ކަންބޮޑުވާކަމަށް ޒިޔާދު ވިދާޅުވި އެވެ.
އެހެންނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުމެއް، އަޅުގަނޑުގެ ބިރުވެރިކަމަކީ އަޅުގަނޑުމެން ހެދިން މި މަޖިލީހުން ގޭންގު ބިލެއް… ވަރަށް ޒަމާނުން ވަރަށް ވަރުގަދައަށް ވަރަށް ގިނަ ގޮތްގޮތަށް މަޝްވަރާކޮށްގެން. ބިލު ނިންމާފަ ތިން މަސް ނުވެ އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރަނީ ދިވެހިރާއްޖޭގަ ގޭންގެއް ނެތޭ… ޝަރުތު ހަމަވާ ގޭންގެއް ނެތޭ… މިއީ ވެދާނެ މިފަދަ މުހިންމުކަމެއް ގައުމުގަ މިހާ ހާލަތަށް މިކަން ގޮސްފަ އޮއްވާ އަޅުގަނޑުމެން މިހެން ހަދާ ގާނޫނެއް ފަރުވާކުޑަކޮށްލާފަ ނުވަތަ ކޮންމެސް އަމިއްލަ އެދުމަކަށް މިއަށް ޢަމަލު ނުކޮށްފި ނަމަ މި މުޖުތަމައުން މިކަން ފިލުވާލަން އެޅޭ އިތުރު ދައްޗަކަށް މިކަން ވެގެންދާނެ.
އެހެންކަމުން ގޭންގު ބިލާއި އެއްގޮތަށް، މި ގާނޫނުން ވެސް ފިޔަވަޅު އަޅާނެ ބައެއް ނެތްކަމަށް ސަރުކާރުން ފަހުން ބުނެފާނެ ހާލަތެއް އައިސްދާނެކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ ގާނޫނެއް ހެދުމަކީ ވަރަށް ފަސޭހަކަމެއްކަމަށާއި، ދަތިތައް ދިމާވަނީ ތަންފީޒު ކުރުމާއި ހަމައިން ކަމަށެވެ.
މީގެ އިތުރުން މޯލްޑިވް ގޭސްގެ މައްސަލައަކަށް އިޝާރާތްކުރައްވައި ޒިޔާދު ވިދާޅުވީ، އެ ކުންފުނީގެ 250،000 ޑޮލަރުގެ މައްސަލަ ނުބެލި އޮތީ ގާނޫނުލްއުގޫބާތުގައި އެވާހަކަ ނެތިގެންތޯ ރައްޔިތުން ސުވާލުކުރާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ފިޔަވަޅު އެޅުމުގައި މޫނަކަށް ކަނދުރާއަކަށް ބައްލަވާ ބޭފުޅެއް ނޫންކަމަށް ބުނާއިރު، އަމަލުން އެކަން ފެންނަން ޖެހޭކަމަށް ވިދާޅުވި އެވެ. ނަމަވެސް ފެންނަނީ ”ވޮލެޓާއި ބޭންކު ބެލެންސް“ އަށް ބައްލަވާ ތަންކަމަށް ބުނެ ފާޑުވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ޒަމާނީ ވަސީލަތްތަކުން، ހާއްސަކޮށް މޯބައިލް ފޯނު މެދުވެރިކޮށް ކުރާ ޖުވާގެ ކަންކަން ހުއްޓުވުމަށް ބޭނުންވާ މެކޭނިޒަމްތައް ގާއިމުކުރަންޖެހޭ ކަމަށެވެ. ބަރަހަނާ މަންޒަރު ފެންނަ ސައިޓްތައް ބްލޮކްކުރިކަމަށް ބޮޑު ސުރުހީ ޖެހި ނަމަވެސް، އަދިވެސް އެ ސައިޓްތަކަށް ވަދެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގާނޫނުތައް ހަދާއިރު އެކަން ތަންފީޒުކުރާ މުއައްސަސާތަކަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓުވެސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

