ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއާއި، ގާނޫނުލްއުޤޫބާތަށް އިސްލާހުތައް ހުށަހަޅައި މިއަދު ކުރިޔަށް ގެންދާ ޖަލްސާ ގާނޫނުއަސާސީއާއި ހިލާފުކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
2025 ވަނަ އަހަރުގެ ޖަލްސާތައް ނިންމައި، މެމްބަރުން ޗުއްޓީގައި ތިބި އިރު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށޭނީ ފެބްރުއަރީ މަހު އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި، ޖުވާ ކުޅުން ގާނޫނީ ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލު އަދި ޕެންޝަން ގާނޫނަށް ހުށަހަޅާ އިސްލާހުގެ މަސައްކަތަށް ދައުރުން ބޭރު ޖަލްސާއެއް މިއަދު ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
އެމްޑީޕީގެ މެމްބަރުން އިސްލާހުތަކާއި ދެކޮޅު ނޫން ނަމަވެސް، ގިނަ މެމްބަރުން ވަނީ ދައުރުން ބޭރުން ޖަލްސާ ބާއްވައި މި މަސައްކަތް ކުރާ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.
މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާއަކީ ގާނޫނުއަސާސީގެ އަސްލު އޮޅުވާލައިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، ކަންކަމުގެ އަސްލު އޮޅުވާލުމަކީ ކުށެއް ކަމަށް މިހާރު ހުށަހެޅިފައިވާ އިސްލާހުތަކުގައިވެސް ބަޔާންކޮށްފައިވާއިރު، މިއަދުގެ ޖަލްސާ ކުރިއަށްދަނީ ގާނޫނުއަސާސީގެ ރޫހާ ވެސް ހިލާފަށް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނީ ހަމައެކަނި އާންމު ޖަލްސާތަކުގެ ވާހަކަކަމަށާއި، ހާއްސަ ޖަލްސާތަކެއް ބާއްވަނީ މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ ދަށުންކަމަށް ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައި މަޖިލީހުގެ ތިން ދައުރު އޮންނަންވާނެކަމާއި، އެ ދައުރުތައް ފަށާ އަދި ނިމޭ ތާރީހުތައް ސާފުކޮށް އެނގެން އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވަނީ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުރިހަމައަށް ދިނުމަށްޓަކައި ކަމަށެވެ. ނަމަވެސް، މިފަދަ ހާއްސަ ޖަލްސާއެއް ބޭއްވުމުގެ ބާރު ގާނޫނުއަސާސީން މަޖިލީހުގެ ރައީސަށް ލިބިދީފައި ނުވާކަމަށް ޝަމްހީދު ތަކުރަރު ކުރެއްވި އެވެ.
ޖަލްސާއެއް ތާވަލުކުރިކަން މެމްބަރުންނަަށް މެސެޖަކުން އެންގީ އިއްޔެގެ ހެނދުނު 09:59 ގައި ފޮނުވި މެސެޖަކުންކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ ފޮނުވީ 23 ގަޑިިއިރުގެ ނޯޓިސްއެއް ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގައި 14 ދުވަހުގެ ފުރުސަތެއް ދިނުމުގެ އިހުތިޔާރު އޮތްއިރު، އެ ފުރުސަތު ނުދީ މިހާ އަވަސް އަރުވާލައިގެން ޖަލްސާ ބޭއްވުމަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނާ ދިމިގްރާތީ އުސޫލުތަކާ ހިލާފު ކަމެއްގެ ގޮތުގައި ޝަމްހީދު ސިފަކުރެއްވި އެވެ.
މި ޖަލްސާ މި ބާއްވަނީ އިއްޔެ ހެނދުނު 9:59 ގައި މެސެޖެއް ފޮނުވުމަށް ފަހު، އެންމެ 23 ގަޑިއިރުގެ ނޯޓިހެއް ދީފައި. މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގައި 14 ދުވަހުގެ ފުރުސަތެއް ދިނުމުގެ އިހުތިޔާރު އޮތްއިރު، އެ ފުރުސަތު ނުދީ މިހާ އަވަސް އަރުވާލައިގެން ޖަލްސާ ބޭއްވުމަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނާ ދިމިގްރާތީ އުސޫލުތަކާ ހިލާފު ކަމެއް
މިގޮތަށް ގާނޫނުއަސާސީ ބަދަލުކުރަމުން ދަނީ ރާއްޖޭގެ ދުސްތޫރު ފުނޑާލައި، ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިކުރުމަށްޓަކައިކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި މި ބަދަލުތަކުގެ ސަބަބުން 2028 ގެ ފަހުންވެސް ނުވަތަ 30 އަހަރު ވަންދެން ވެސް ވެރިކަމުގައި ތިބެވޭނެ ގޮތްތަކެއް ހޯދިދާނެކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރި ނަމަވެސް، އެއީ ރައްޔިތުން ގަބޫލުކުރާ ގާނޫނީ ހަމަތަކުގެ މަތިން ބޭއްވޭ ޖަލްސާއަކުން ނިންމި ނިންމުމެއްކަމަށް ގަބޫލު ނުކުރާނެކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

