ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ގިނަ ބަޔަކު އަނބުރާ ރާއްޖެއަށް އަންނަން ފަށާފައިވާތީ، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ނޭވާލުމުގެ ނިޒާމުން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި އެ އެޖެންސީން ވަނީ އާންމުން ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ހާމަކޮށްފައެވެ.
އެޗްޕީއޭއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަށް އިރުޝާދު ދޭ ކަމަށެވެ. މީގެ އިތުރުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދަތުރުމަތީގަޔާއި ޙައްޖު/އުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކް އެޅުމަށް ވެސް ވަނީ އެދިފައެވެ.
ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ އަމަލުކުރަންވީ ގޮތް
އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޑޮކްޓަރަށް ދައްކާއިރު އެއީ އުމްރާއިން އެނބުރި އައި މީހެއްކަމުގެ މަޢުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.
ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން މިފަދަ ތަންތަނަށް ދިއުމުގައި ސަމާލުވުމަށް ވަނީ އެދިފައެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް އަރާމުކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. އަދި ހުން ގަދަވާނަމަ ގައިގައި ފެންހޭކުމަށާއި، ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ގޮސްފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޑިސެމްބަރު މަހާއި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ޖުމްލަ 7,726 މީހުން އުމްރާއަށް ދާނެއެވެ.

