ކ. ކާށިދޫ ގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓްއަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީއެއް ފޮނުވައިފިއެވެ.
އެގޮތުން، ޖާބިރު ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކާށިދޫ އަކީ މާ ކަނޑެއްގެ މެދުގައި އޮންނަ ރަށަކަށް ވުމުން ކިރިޔާވެސް ވައިގަދަވެއްޖެ ހާލަތެއްގައި ދަތުރުކޮށް އުޅުމަށް އެރަށުގެ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަމުންދާ ކަމަށެވެ.
ކާށިދޫއަކީ މާލެ އަތޮޅަށް ނިސްބަތްވާ އަތޮޅަކަށް ވާއިރު އެހެން ރަށްތައް ފަތުރުވެރިކަމުގެ ވިޔަފާރިން ކުރިއަރަމުން އައިނަމަވެސް ކާށިދޫ އަށް އާމްދަނީ ލިބޭނެ ގޮތެއް ނެތްކަން ޖާބިރު ވަނީ އެ ސިޓީގައި ފާހަގަކޮށްފައެވެ.
ޖާބިރު ވިދާޅުވީ، ކާށިދޫ އަކީ ބިންބޮޑު ރަށެއް ނަމަވެސް އެ ބިމުގެ ބޭނުންކޮށްގެން ރަށުގައި ފަތުރުވެރިކަން ކުރި ނޭރުވި އޮތުމަކީ ރަށަށް އަންނަން އޮތް ތަރައްގީއަށް އެޅިފައިވާ ހުރަހެއް ކަަމަށާއި ރަށުގެ ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް، ސަރުކާރަށް އެ ސީޓީ ފޮނުވުމަށް ނިންމާފައިވަނީ ކާށިދޫ ކައުންސިލުގެ ބައްދަލުވުމެއްގައި ފާސްކޮށްގެން ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ރިއަލް އެސްޓޭޓު ދާއިރާ ކުރިއަށް ގެންދިޔުމަށް ވަކި ގާނޫނެއް ފާސްކުރަންޖެހޭކަމަށާ، ކާށިދޫ ފަދަ ބިން ބޮޑެތި ރަށްތަކުގައި ރިއަލް އެސްޓޭޓު ވިޔަފާރި ކުރިއެރުމުގެ ފުރުސަތު ހުޅުވާލަންޖެހޭކަމަށް ޖާބިރުގެ ސިޓީގައި ވަނީ ވިދާޅުވެފައިވެއެވެ.
ކޮންމެ ސަރުކާރެއްގެ ވިސްނުމަށްވެސް ވާންވާނީ ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރުއެރުމާއި ފާގަތިކަން ގެނެސް، ޤައުމުގެ އިޤްތިސާދު މައްޗަށް ގެންގޮސް، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައްވެސް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދީ، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުންކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ.
އެކަންކަމަށް ރިޔާއަށްކޮށް އެ ސިޓީގައި ވިދާޅުވެފައިވަނީ ކާށިދޫގައި ރީޖަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވައިފިނަމަ، އެކަމަކީ ރާއްޖޭގެ އިގުތިސާދަށާއި، ދަތުރުފަތުރުގެ ވިޔަފާރިއަށް ލިބޭނެ ކުރިއެރުމަކަށް ވުމުގެ އިތުރުން، ކާށިދޫގައި އޮތް ބޮޑު ބިމުގައި އިންވެސްޓްކުރުމުގެ ފުރުސަތު ނިލިބިވާ ފަރާތްތަކަށް ކާށިދޫއަށް އިންވެސްތްކޮށް ރާއްޖޭގެ ރައްޔިތުންނަށް ފުދުންތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
ޖާބިރުގެ އެ ސިޓީ ރައީސްގެ އިތުރުން އެ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރު އައިޝަތު ނަހުލާއަށައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށްވެސް ފޮނުވާފައިވެއެވެ.

