ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމަށް ކުރީގެ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އެޗްއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި، މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރު ހަމަވެފައިވާތީ އެވެ.
އެހެންވެ ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަނު ކުރާނެ ބޭފުޅެއްގެ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ތަޅުމަށް ރަމީލާގެ ނަން ފޮނުއްވީ އެވެ.
ރަމީލާ އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަނުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގަ އެވެ.
މަޖިލީހުގައި އިއްޔެ ކުރިޔަށް ގެންދިޔަ ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތްތަކަށް ފަހު މިއަދު އޮތީ ރަމީލާ މަގާމަށް އައްޔަނު ކުރުމާއި މެދު ވޯޓަށް އެހުން އެކަންޏެވެ.
މިއަދު ޖަލްސާއެއް ބާއްވާފައި ވަނީ ރަމީލާ ކޮމިޝަނުގެ ރައީސަކަށް އައްޔަނު ކުރުމަށް އިއްޔެ ކޮމިޓީއަށް ފޮނުވުމަށް ފަހު އެވެ. އިއްޔެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ނަން ދިރާސާ ކުރުމަށް ފަހު ކޮމިޓީން ވެސް ފާސްކުރީ، ރަމީލާ އެޗްއާރުސީއެމްގެ ރައީސަކަށް އައްޔަނު ކުރަން ފެންނަ ކަމަށެވެ.

