ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ބިރުވެރި ކަމުގެ ތެރެއިން ގައުމު ސަލާމަތް ކުރަން ޖެހޭ!

މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2008، އޯގަސްޓް 7 ގައި ދިވެހިރާއްޖޭގައި ހިންގަންފެށުނު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ބަޔާންކޮށްދިނުމުގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ “އަމިއްލަ ވެރިކަންކުރާ، ދިމިޤްރާތީ ޖުމްހޫރީ އަދި ޔުނިޓަރީ” ދައުލަތެއް ކަމަށެވެ. ހަމަ މިޤާނޫނު އަސާސީގެ ދެވަނަ ބާބު މުޅިން ބިނާވެފައިވަނީ ދިވެހިރައްޔިތުންނަށް ލިބިގެންވާ “އަސާސީ ހައްޤުތަކާއި މިނިވަންކަން” ބަޔާންކޮށްދިނުމަށެވެ.

މިބާބުގައިވާ ގިނަމާއްދާތަކަކީ ނުވަތަ ބަޔާން ވެގެންވާ ކަންކަމީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ އަސާސްތައް ހިމެނޭ ނުކުތާތަކެވެ. އެހެން ކަމުން ޑިމޮކްރަސީ އަކީ ކޮބައިކަމާއި އިންސާނީ ހައްގުތަކަކީ ކޮބައިކަން ކޮންމެ ދިވެއްސަކަށްވެސް ދަސްވެ އޮޅުންފިލާފައި އޮންނަންޖެހެއެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް އޮޅުންފިލާފައިނުވާނަމަ، މިކަންކަން ރައްކާތެރިކޮށް ދަމަހައްޓައި، ދިރުވައި، އަދި ހަރުދަނާކޮށް ކުރިއަރުވަން ދިވެހިރައްޔިތުންނަކަށް ނޭގޭނެއެވެ. މީހުންނަށް އެ މީހުންގެ ހައްޤުތަކާއި ވާޖިބުތައް އޮޅުންފިލާފައިނުވާނަމަ ހައްޤުތައް ނިގުޅައިގަނެވި ގެންދާއިރުވެސް މިވަނީ ކީއްކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. އަދި އެކަކު އަނެކަކަށް އިޙްތިރާމްކޮށް ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބައި އަދަބުވެރި ޒިންމާދާރު ރައްޔިތުންނަށްވާކަށްވެސް ނޭގޭނެއެވެ. މުޖުތަމަޢުގެ ތެރޭގައި ހަމަނުޖެހުމާއި ބައިބައިވުންތައް އުފެދި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާފާނެ ކަމުގެ ބިރުވެރިކަން ދުރާލާ ދެނެގަނެ، އެކަންކަން ހުއްޓުވުމަށް މަސައްކަތްކުރާކަށްވެސް ނޭގޭނެއެވެ.

ކަންމިހެންވާންވެއްޖެނަމަ އާޚިރުނަތީޖާއަކަށްވާނީ ޞުލްޙަމަސްލަސްކަމާއެކު ދިރިއުޅެން ދަސްނުވެ، ޝުރާގެ މަތިވެރިކަން ނުވަތަ މަޝްވަރާކޮށް އަޣްލަބިއްޔަތުން ނިންމާނިންމުންތަކުގެ އަގުވަޒަންނުކުރެވި ޤައުމީ މަސްލަހަތަށްވުރެ ތިމާއާއި މަދުބައެއްގެ މަސްލަހަތު އިސްކުރެވޭގޮތްވުމެވެ.

އެހެންކަމުން ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޑިމޮކްރަސީ އާއި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ރައްޔިތުންނަށް ދަސްކޮށްދީ މިކަންކަމަށް އެބައިމީހުން އަހުލުވެރި ކުރުވުމަކީ ދިވެހި ދައުލަތުގެ ވާޖިބެކެވެ.

ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި މިކަމަށް އިޝާރާތްކޮށްފައިވެއެވެ. ރައްޔިތުންނަށް މިފަދަ ކަންކަން ދަސްކޮށްދީ ހޭލުންތެރިކުރުވުމުގައި އެންމެ ފަސޭހަގޮތެއް ކަމުގައިބެލެވެނީ ހެދިބޮޑުވަމުން އަންނަ ކުޑަކުދިންނާއި ޒުވާނުންނަށް މިކަންކަން ދަސްކޮސްދީ އަހުލުވެރިކުރުވުމެވެ.

މިގޮތުން ސިޔާސީ ކަންކަން ދަސްކޮށްދީ ސިޔާސީ އަދަބުތައް އަށަގަތުވުމުގައި އެންމެ އައުލާކަން ބޮޑު ފަސޭހަގޮތަކީ މަދަރުސާ ތަކުގައި މިކަންކަން ކިޔަވައިދީ އަހުލުވެރިކުރުވުމެވެ. އެހެންކަމުން ސިޔާސީ ތަޢުލީމް ނުވަތަ މަދަނީ ތަރުބިއްޔަތު (ސިވިކް އެޑިއުކޭޝަން) މަދަރުސާތަކުގެ މަންހަޖްގައި ހިމަނައި ކިޔަވައިދޭން މިހާރު މިވަނީ ފަށަން ޖެހިފައެވެ.

ޑިމޮކްރަސީ އަކީ ހެޔޮވެރިކަމެއް ހިންގުމަށް އޮންނަ ރަނގަޅު ނިޒާމަކަށްވެފައި، އިންސާނީ ހައްޤުތަކަކީ އޭގެ ޒާތުގައި އަމިއްލައަށް ލިބިގަނެވެން އޮންނަ ކަންކަމަށް ނުވާތީ މިކަންކަން ދަސްކޮށްދިނުމުގައި ގައުމުތަކުގައި ކަންކުރެވޭ ގޮތަކީ ވެރިކަން ބިނާވެގެންވާގޮތާއި، ސަރުކާރު ހިންގަމުން އަންނަ ގޮތުގެ މަޢުލޫމާތު ކިޔަވައިދިނުމުގެ ތެރެއިން ޑިމޮކްރަސީގެ އަސާސްތަކާއި ސިފަތައް އަދި އިންސާނީ ހައްޤުތަކާއި ވާޖިބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.

އެހެން ކަމުން ޑިމޮކްރަސީ އާއި ހިއުމަން ރައިޓްސް ދަސްކޮށްދިނުމުގައި މިކަންކަން ރައްޔިތުންނަށް ބަޔާންކޮށްދޭ ޤާނޫނުއަސާސީއާއި މިކަންކަން ރައްޔިތުންނަށް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި، ޤާނޫނުތަކާއި ޤަވާއިދުތައް އަދި ކަންކަމުގައި ޢަމަލުކުރެވޭ ގޮތްތައް ވަކި ތަރުތީބަކުން އިންތިޒާމްކޮށް ކިޔަވައިދޭން ބޭނުންވެއެވެ.

މިކަން ފުރިހަމަ ގޮތުގައި ގެންދިއުމުގައި ދައުލަތުގެ 3 ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި (ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން) ޤާނޫނު ހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލިސް) އަދި އަދުލްއިންސާފުގާއިމުކުރުމުގެ ބާރު (ސްޕްރީމްކޯޓާއި، ހައިކޯޓް އަދި ދަށު ކޯޓްތައް) ގެ މައްޗަށް މަޢުލޫމާތު ގެނެސްދިނުމާއި ޤާނޫނު އަސާސީއާމެދު ހޭލުންތެރި ކުރުވުމާއި، ރައްޔިތުންނަށް ލިބިގެންވާ މިނިވަންކަމާއި ރަށުވެހިކަމުގެ ވާޖިބުތަކާއި އިންތިޚާބުތައް ބިނާވެގެންވާ ގޮތާއި ސިވިލް ސާރވިސް އާއި ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވުސް ފަދަ މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވައި ދޭންޖެހެއެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގައި އަލަށް އަމަލު ކުރަން ފެށި ގާނޫނުއަސާސީއާއި ގުޅިގެން ސިޔާސީގޮތުން ރާއްޖެއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ މަޢުލޫމާތުވެސް ސިވިކް އެޑިއުކޭޝަންގެ ތެރޭގައި ހިމަނަންޖެހެއެވެ. މިގޮތުން ރާއްޖޭގައި ވެރިކަމުގެ ނިޒާމް ބިނާވެގެންވާ ރިޔާސީ ނިޒާމް އޮންނަ ގޮތާއި އަދި އެނިޒާމުގެ ސިފަތަކާއި ސިޔާސީ ޕާރޓީ ތަކުގެ ދައުރުވެސް އޮޅުންފިލުވައިދޭންޖެހެއެވެ. އަދި ހަމައެހެންމެ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލް އަޤުވާމީ މުޢާހަދާތަކުގެ ތެރެއިން ރާއްޖޭން ބައިވެރިވެފައިވާ މުޢާހަދާތަކާއި ބެހޭގޮތުންވެސް ދަރިވަރުންނަށް މަޢުލޫމާތު ދޭންބޭނުންވެއެވެ. މިކަންކަމުގެ އިތުރުންވެސް ރާއްޖޭގެ ސިޔާސީ ތާރީޚާބެހޭ މަޢުލޫމާތު ކޮންމެވެސް ވަރަކަށް ދަރިވަރުންނަށް ގެނެސްދިނުން ބޭނުންތެރިއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ޑިމޮކްރަސީއާއި ހިއުމަން ރައިޓްސް އާއިބެހޭ އެއްވެސް މަޢުލޫމާތު މަދަރުސާތަކުގައި ކިޔަވައެއް ނުދެއެވެ. ސިވިކް އެޑިއުކޭޝަނާބެހޭ މަޢުލޫމާތު ދީ ކަންކަން ދަސްކޮށްދޭން މުދައްރިސުންނެއްވެސް ތަމްރީނު ކުރެވިފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ މަދަރުސާގެ މަންހަޖު ތެރޭގައި މިދާއިރާއާ ގުޅިގެން ވަރަށް ކުޑަމިންވަރެއްގެ މައުލޫމާތު ކޮޅެއްނޫނީ ހިމެނިފައެއް ނުވެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ޑިމޮކްރަސީ އާއި ހިއުމަން ރައިޓްސް ގެ މައްޗަށް މަޢުލޫމާތު އޮޅުންފިލުވައިދީ ނުވަތަ ސިވިކް އެޑިއުކޭޝަނާ ބެހޭގޮތުން ކިޔަވައިނުދެވޭތާގައި މިފަދަ ސިޔާސީ ކަންކަމުގެ ވާހަކަ ނުދެއްކުމުގެ ޘަޤާފަތެއްވެސް މަދަރުސާތަކުގެ ތެރޭގައި އިހުއްސުރެ އޮންނަކަން ފާހަގަކޮށްލަން ޖެހެއެވެ. މިއީ ހަމައެކަނި ސްކޫލްތަކަށް އެކަނި ޚާއްޞަވެފައި އޮތް ޘަޤާފަތެއް ނޫނެވެ.

އާޤާނޫނު އަސާސީ ހިންގަންފެށުމާއި ހަމައަށް، ސިޔާސީ ކަންކަމުގެ ވާހަކަ ދައްކައި ޚިޔާލު ފާޅުކޮށް އުޅުމަކީ ހުއްދަނޫން ކަމެއްގެ ގޮތުގައި ނުވަތަ އަދަބު ލިބޭނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮތެވެ. ނަމަވެސް، މިހާރު ހިނގަމުންދާ ޤާނޫނު އަސާސީގެ ދަށުން މިޘަޤާފަތް ނައްތާލައި ރާއްޖެއަށް ސިޔާސީގޮތުން އައިސްފައިވާ ހެޔޮބަދަލުތަކާއި ރައްޔިތުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކާއެކު އިސްލާހުތަކެއްގެންނަން އެބަޖެހެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއި ބަވަނަވަންތަކަމުން ކުރަމުންދާ އަސަރުތަކުގެ އަލީގައާއި ލިބެމުންދާ ވަސީލަތްތަކުގެ އެހީގައި ޒަމާނާއެއްގޮތަށް ރައްޔިތުން ސިޔާސީ ކަންކަމަށް ހޭލުންތެރި ކުރުވައި ސިޔާސީ އަދަބުތައް ދަސްކޮށްދީ ދިވެހި ރަށްވެހިކަމުގެ ހައްޤުތަކާއި ވާޖިބުތަކުގެ މައްޗަށް އަހުލުވެރި ކުރުވަންޖެހެއެވެ. އެހެން ނޫނީ ގައުމަށް މިއަންނަމުންދާ ސިޔާސީ ތަހުޒީބާއެއްހަމައެއްގައި ކުރިމަގުގެ ޖީލްތައް ބިނާނުކުރެވިއްޖެނަމަ ޤައުމު ސިޔާސީ ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓުން ވަރަށް ކައިރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: