ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޕްރޮސިކުއުޓާ ޖެނަރަލް ޕީޖީކަމުން ވަކި ކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރި ސަބަބުތަކާއި ކޮމިޓީން ފާހަަގަ ކުރާ ސަބަބުތައް އެއްގޮތް ނޫން ކަމަށް ޕީޖީ އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ބިޝާމް ވަކި ކުތުމުގެ އިޖުރާތްތައް ފެށުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް އެކަން ވަނީ މަޖިލީހުގެ ރިޔާސަތައް އަންގާފައެވެ. އަދި އެކަމަށް ހުއްދަ ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮޮމިޓީއަށް ސިޓީއެއް ފޮނުއްވިއެވެ.
ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އޭނާ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ނިންމިއެވެ. އަދި ބިޝާމްގެ މައްޗަށް މަޖިލީހުގެ މެމްބަރުންނާއި، ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން ކުރައްވާ ތުހުމަތުތަކަށް ޖަވާބުދާރީ ކުރުވުމަށް ކޮމިޓީން ނިންމިއެވެ.
މިއީ ބިޝާމް މަގާމުން ވަކި ކުރުމަށް ކޮމިޓީން ނިންމި ދެވަނަ ފަހަރެވެ. އެހެން ނަމަވެސް، އެންމެ ފުރަަތަމަ ހުށަހެޅި މައްސަލަ ބާތިލު ކުރީ މައްސަލަ ހުށަހެޅިތާ 24 ގަޑިއިރުވެސް ނުވަނީސް އެ މައްސަލަ ހުށަހަޅާފައިވަނީ އުސޫލުތަކާއި ހިލާފަށް ކަމަށް ބުނެއެވެ. އޭރު އެ މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މަގާމުން ވަކި ކުރުމާއި ގުޅޭގޮތުން، ބުރާސްފަތި ދުވަހު ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕީޖީކަމުން އޭނާ ވަކި ކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރި ސަބަބުތަކާއި ކޮމިޓީން ފާހަަގަ ކުރާ ސަބަބުތައް އެއްގޮތް ނޫން ކަމަށެވެ. ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ބުނެފައިވާ އެ ސިޓީގައި، ޖަވާބުދާރީވާން ވީ ކޮން މައްސަލައަކަށް ކަމަށް ވެސް ބަޔާންކޮށްފައި ނުވާކަމަށް ބިޝާމް ވަނީ ވިދާޅުވެފައެވެ.
”19 ނޮވެމްބަރު 2019 ގައި އޮތް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 69 ވަނަ ޖަލްސާގައި ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމުން އަޅުގަނޑު ވަކި ކުރުމުގެ މައްސަލައާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ވިދާލުވެފައިވަނީ ”މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން މި މަޖިލީހަށް މަރުތަކާއި ގުޅޭ އެކިއެކި ރިިޕޯޓު ހުށަހެޅި މި މަޖިލީހުގައި ބަހުސް ކުރެވިފައި ވެއްޖެ. ލިޔުންތެރިޔާ ރިޟްވާން މަރާލުމާއި ގުޅިގެން އެކަމާއި ގުޅޭ ފަރާތްތައް ގާނޫނުގައިވާގޮތުގެ މަތީން ފިޔަވަޅުއަޅާ ދިނުމަކީ މި މަޖިލީހު އިއްޒަތތެރި މެމްބަރުންގެ ވަރަށް ބޮޑު އެދުމެއްކަން ވަރަށް ސާފުކޮށް އެބަ އިނގޭ. މަޖިލީހުގެ މެމްބަރުން މި ވާހަކަތައް ތަކުރާރުކޮށް އެބަދެކެވޭ. އަދި އެހެންވެސް ވައްކަމާއި، ފަސާދައާއި، އަނިޔާއާއި، ޓެރަރިޒަމްގެ އަމަލުތަކާއި، ހައްދުފަހަނައެޅުމުގެ އަމަލުތަކާއި މީގެއިން އެއްވެސް ކަމަކާއި ގުޅޭގޮތުން ޕްރޮސެކިއުޝަނެއް އެކަށީގެންވާ ގޮތުގައި ހިނގާފައިތަން އަޅުގަނޑުހިތުން މި އިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް މިދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ހަގީގަތުގައި ފެނިފައިނުވާކަމުގެ ސަބަބުން އަޅުގަނޑު އެބޭފުޅުންނާއި ވާހަކަ ދެއްކުމުން ސާފުވީ، ކަމަކީ ގާނޫނުއަސާސީގައި މިބުނާ 228 ވަނަ މާއްދާގެ (ހ) ގައި ވާ ހާލަތު މެދުވެރިވީ ސަބަބެއްކަމުގައި، އެހެންވީމާ އަޅުގަނޑު ޖުޑީޝަރީ ކޮމިޓީން މި މައްސަލަ ބެލުމަށް، ކުރިޔަށް ގެންދިއުމަށް ދަންނަވަން މިހެންނެވެ.“ ބިޝާމްގެ ބަޔާނުގައި ރައީސް ނަޝީދުގެ ވާހަކަ ހިމަނުއްވާ ވިދާޅުވިއެވެ.
ބިޝާމް ވިދާޅުވީ އޭނާގެ މައްސަލަ ހަމަ އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވާފައިވަނީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރަނީ އަދުލުވެރިކަމާއިއެކު އިދާރީ ފިޔަވަޅު އެޅުން އެއީ ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްގެ ގޮތުގައި ކަމަށަވެ. އަދި އިދާރީ ފިޔަވަޅު އެޅުން އެއީ ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާއި އިދާރީ ފިޔަވަޅެއް އަދުލުވެރިކަމާއި އެކު އެ ފިޔަވަޅު އެޅުމަކީ އެއީ ފިޔަވަޅު އެޚުމުގެ ކުރިން ތުހުމަތުކުރެވެނީ ކޮން ކަމެއްކަން އެމީހަކަށް ސާފުކޮށްދީ އެ ތުހުމަތުތަކާއި ގުޅޭގޮތުން އެފަރާތްތަކުން ދޭން ބޭނުންވާ ޖަވާބެއް، ދިފާއުގައި ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމަށްފަހު ފިޔަވަޅެއް އެޅުން ކަމަށެވެ.
ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކޮމިޓީގެ ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތް ކަމެއް އޭނާއަށް އެނގިފައި އަދި އަންގާފައިވެސް ނުވާ ކަމަށެވެ.
”މިއީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުން ބަލައިގަނެ އިސްތިގްރާރުވެފައިވާ އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގިޔަމްތަކާއި މަބްދައުތައް ވެސް މި ހައްގުގެ ދާއިރާ ކަނޑައެޅުމުގައި ބަލައިގަނެފައިވާ ކަންކަން،“ ބިޝާމް ވިދާޅުވި އެވެ.
ޖަވާބުދާރީވުމަށް މުހުލަތެއް ދިނުމާއި، ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމަށް ފުރުސަަތެއް އޮތުމުގެ މަގްސަދަކީ ތައްޔާރުވުމަށް ދެވޭ ފުރުސަތެއް ކަމަށާއި، އަދި އޭގައިން ޖަވާބުދާރީވާން ޖެހޭ ކަންކަން ވެސް ސާފުކޮށް ތަފްސީލުކޮށް އެނެގެން އޮތުން ކަމަށް ބިޝާމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުން މީހުން ދުރުކުރުމުގެ މައްސަލަތަކަކީ ވަކި މައްސަލަތަކެއްގެ އެޖެންޑާ ކުރެވެން ޖެހޭނެ މައްސަލަތަކެއްކަން ބިޝާމް ފާހަގަކުރެއްވިއެވެ. އަދި ބީޖީގެ މަގާމަކީ އެ ބާބުގައި ބަޔާންކުރާ ފަދަ މުސްތަގިއްކލު މަގާމަކަށް ވީ ހިނދު ޖުޑީޝަރީ ކޮމިޓީއިން އޭނާގެ މައްސަލަ އެޖެންޑާކޮށްފައިވަނީވެސް ”އެހެނިހެން“ މައްސަލަތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، އެއީ ”އެގޮތަށް ނިންމޭ ވަރަށް ވުރެ ބޮޑު ކަމެއް“ ކަމަށެވެ. ބިޝާމް ވިދާޅުވީ ކޮމިޓީއިން ފަށާފައިވާ އިޖުރާއަތްތަކުގައި އިހްލާސްތެރި ނިޔަތެއް ނެތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އަދި އެ އިޖުރާއަތްތައް ގާނޫނު އަސާސީގެ ރޫހާ ފުށުއަރާ ކަމަށެވެ.
ގާނޫނު އަސާސީގައިވާ ގޮތުން، ޕީޖީ މަގާމުން ވަކި ކުރެވޭނީ އެ މަގާމާ އެކަށީގެން ނުވާ ކަމެއް ކުރި ކަމަށް ނުވަތަ މަގާމު އަދާ ކުރަން އުޒުވެރިވާ ހާލަތެއް މެދުވެރިވެގެން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަން ގާބިލް ކަން ނެތް ހާލަތަކަށް ދިއުމުންނެވެ.
މަޖިލީހުގެ ގަވާއިދުގެ 2010 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ބިޝާމް ވަކިކުރުމުގެ މައްސަލަ، މަޖިލީހުގައި އިއުލާންކުރަން ޖުޑިޝަރީ ކޮމިޓީން ފޮނުވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ އެވެ. ބިޝާމްގެ މައްސަލަ އަލުން ކުރިއަށް ގެންދަން މި ފަހަރު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރެވެ. ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޕީޖީ އަދި އެހެން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރާ ނަމަ އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. މަޖިލީހުގެ މެމްބަރުންނަށް އެކަން އިއުލާން ކުރައްވާނީ މަޖިލީހުގެ ރައީސެވެ. އޭގެފަހުން އެ މައްސަލަ ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށް ވާހަކަތައް ދެކެވެއެވެ.

