މިއަދަކީ މިއީ ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް ތަފާތު ދުވަހަކެވެ. ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، ދައުރު ހަމަ ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފުލުސް އޮފީހަށް ހާޒިރު ކުރީ ރިޔާސީ އިންތިހާބަށް ދޮޅު މަސް ދުވަހަށް ވެފައިވަނިކޮށް ދެ ފަހަރެއްގެ މަތީން ގިނަ އަދަދެއްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރި މައްސަލައިގައެވެ.
ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފައިސާ ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރީ ހަމައެކަނި ރިޔާސީ އިންތިހާބުގެ ދުވަސްރު އެކަންޏެއް ނޫނެވެ. ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވެއެވެ. އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން އޭރު ހާމަ ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ.
ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. ”ކެމްޕޭނަށް“ ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒްކުރިއެވެ.

އެއަށްފަހު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުކޮށް ޝަރީއަތް ފެށިއެވެ. އެންމެ ފުރަތަމަ އަޑުއެހުމުގައި ވެސް ނިންމީ މައްސަލަ ބަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި (18 ފެބްރުއަރީ 2019) ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލަކީ އައިޝަތު މުހައްމަދުއެވެ. ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވާ ވަކީލާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. ރައީސް ޔާމީން އޭރު ބަންދުކުރީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއު ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ.

ރައީސް ޔާމީން ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށް ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިއެވެ. މައްސަލަ އިސްތިއުނާފުގައި ވަނިކޮށް ކުއްލި ގޮތަކަށް ރައީސް ޔާމީން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނައެވެ. ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެނައީ 24 ގަޑިއިރުގެ އޮބްޒަވޭޝަންއަކަށް ނަމަވެސް، ޕީޕީއެމް އާއި ޕީއެންސީއިން ހޮސްޕިޓަލަށް އެއްވިއެވެ. ހޮސްޕިޓަލެއްގެ ތެރޭގައި އަޑުގަދަކޮށް، ބޮޑާހާކާހެދިއެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލަތު ދަށްވެފައިވާކަމަށާއި، ހަދަންޖެހޭ ބައެއް ޓެސްޓުތަކެއް ރާއްޖެއިން ހެދެން ނެތްކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަންއިން ދިޔައީ ކަންބޮދުވުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް، ސިއްހީ ހާލަތު މާ ބޮޑަށް ދަށްވަމުން އަންނަކަމަށް ބުނެ ޑޮކްޓަރުންގެ ލަފާގެ މަތީން، ޝަރުތުތަކެއްކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް ނިންމީ މާޗު މަހުގެ 13 ގައެވެ. އެހެން ނަމަވެސް، މާޗު މަހުގެ 28 ގައި ހުކުމް ކުރީ ރައީސް ޔާމީން ބަންދުން ދޫކޮލުމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން ދައުވާގެ ފުރަތަމަ އިޖުރާއީ އަޑުއެހުން ބޭއްވީ އޭޕްރިލް 25 ގައެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އަދި އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި އެކު ރައީސް ޔާމީން އެކްސްކްރޯ އެކައުންޓެއް ހެދުމަށް އެބަސްވިއެވެ. އެގޮތަށް އެއްބަސްވީ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ.
މި އަޑުއެހުމުގައި ރައީސް ޔާމީން އާއި ދެކޮޅަށް 8 ހެއްކެއް ހުށަހެޅިއެވެ. އެއީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތްފީ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ރައީސް ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު، އަދި ބީއެމްއެލްގެ ބޯޑު މެމްބަރު މުހައްމަދު ލުވެއިޒްއެވެ. އޭގެ އިތުރުން ޒަމީރު 2 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންނެވި، މުހައްމަދު ވަސީމް އިސްމާއީލްއެވެ.
ހެކީންނާއި މެދު ރައީސް ޔާމީން ގިނަ ޝަކުވާތަކެއް ކުރެއްވިއެވެ. އަދީބާއި ޒިޔަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ކުށް ސާބިތުވެ އަދަބު ދެވި އަދި މައްސަލައިގައި ތުހުމަތު ކުރެވޭ ދެބޭފުޅުން ކަމުން އެ ހެކި ބަސް ގަބޫލެއް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައެވެ.
ރައީސް ޔާމީން ތިން ވަރަކަށް ޝަރީއަތަކަށްފަހު ފޯރިގަދަ އަދި އަޑުއަހާލަން ބޭނުންވި ޝަރިއަތެއް ބޭއްވީ، އޮގަސްޓު 4 ގައެވެ. ޝަރީއަތުގައި ވާހަކަ ދައްކަވަމުން، އޭސީސީގެ ރައީސްގެ ހައްސިއްޔަތުން އޭރު މުއައްވިޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަންފެށީ 2015ވަނަ އަހަރުގެ ތެރޭގައި ކަމަށާއި، ތަހުގީގުކުރަމުންދިޔައިރު އެސްއޯއެފްގެ އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާވަމުންދިޔަ ކަމަށާއި، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެނގުނީ އެ ތަހުގީގުގެ ތެރެއިން ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ދެ ޗެކެއް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށެވެ.

އެއް އިރެއްގެ 500% އިތުބާރު ކުރެއްވި އެހެން ނަމަވެސް، މިހާރު ”ދެ ހަތުރުން“ ކަމަށްވާ ރައީސް ޔާމީނާއި އަދީބު ކޯޓު ރޫމުން ބައްދަލުވީ އޮގަސްޓު 22 ގައެވެ. ރައީސް ޔާމީންގެ ފުރަތަމަ ސުވާލަކަށްވީ އެމަަނިކުފާނާއި މެދު އެއްވެސް ހިތްބުރަކަމެއް އެބައޮތޯއެވެ. ސުވާލުގެ ޖަވާބުގައި އަދީބު ވިދާޅުވީ އޭނާއަކީ ”އަނިޔާވެރި ވެރިކަމެއްގެ“ ޝިކާރައަކަށް ވީ މީހެއް ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޔާމީން ހިމެނޭހެން އެންމެނަށް ވެސް ހިތުގެ އަޑިން މައާފުކޮށްފައިވާކަމަށެވެ. އެހާ ހިސާބުން ދިޔައީ ދެ ބޭފުޅުންގެ ”ކޯޅުމެވެ“.
އެސްއޯއެފްގައި ތިބީ ރައީސް ޔާމީންގެ ވެސް އެކުވެރިންކަމަށް ވިދާޅުވުމުން، ރައީސް ޔާމީން އެކަމާއި ދެކޮޅު ހެއްދެވިއެވެ. އެގޮތަށް ކަނޑައެޅީ ކޮންގޮތަކުންތޯ އައްސަވާ ސުވާލު ކުރެއްވިއެވެ. އަދީބު ވަނީ ފޯނުގަ ހުރި ރައީސް ޔާމީންގެ މެެސެޖްތަކުން ވެސް އެކަން އެނގޭނެ ކަމަށާއި، އެސްއޯއެފް ގެ މީހުން ރައީސް ޔާމީނަށް ގުޅޭ، ގެއަށް ފައިސާ ގެންގޮސްދީ އުޅޭކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ ”ހުރިހާ ކަމެއް ރައީސް ޔާމީންއަށް އެނގޭނެ ކަމަށް“ ނެހެއްދެވުމަށެވެ. ކުރުގޮތަކަށް ބުނާނަމަ، އަދީބުގެ ހެކި ބަސް ނެގުން ވީ ކުޑަވަރެއްގެ ”ފިލްމަކަށެވެ“.
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާ ހުލާސާ ބަޔާން އިއްވާފައިވަނީ އޮކްޓޯބަރު 9 ގައެވެ. ފަހު އަޑުއެހުމަކީ ހުލާސާ ބަޔާން ދެ ފަރާތުން ވެސް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ. ހުލާސާ ބަޔާނުގައި ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އަސްލު އޮޅުވާލައިގެންކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޒަމީރު އަތުން ހޯއްދެވި ފައިސާތަކެއް ކަމާއި އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާތައް އެ ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި އެސްއޯއެފްއިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުވާ ކަމާއި އެކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމީންގެ ހުލާސާ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށެވެ.

ދެ ފަރާތުގެ ވެސް ހުލާސާ ބަޔާނަށްފަހު ރައީސް ޔާމީނަށް ހުކުމް އިއްވުން ތާވަލު ކުރީ، ނޮވެމްބަރު 5 ވަނަ ދުވަހަށެވެ. މައްސަލަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި އިންނެވި އަހުމަދު ހައިލަމްއެވެ. އެހެން ނަމަވެސް، ނޮވެމްބަރު 3 ފާހަގަކުރުމަށް ހައިލަމް ވައިބާ ގްރޫޕަކަށް ލީ ފޮޓޯއެއްގެ މައްސަލަ ފެންމަތިވެ އޭނާ ސަސްޕެންޑު ކުރީއެވެ. ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުންނެވެ. އެއަށްފަހު ކްރިމިނަލް ކޯޓުގެ ހިންގުން ހަވާލު ކުރީ ގާޒީ އަލީ ރަޝީދު އާއި އެވެ.
ރައީސް ޔާމީންގެ މައްސަލައިގަައި ގޮތެއް ކަނޑައަޅުއްވާ ގާޒީ އަލީ ރަޝީދު ނިންމެވީ ބެންޗެއް އެކުލަވާލުމަށެވެ. އެގޮތުން ބެންޗުގައި ގާޒީ އަހްމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދު ހިމެނުއްވެވިއެވެ.

އެއަށްފަހު ނޮވެމްބަރު 17 ގައި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާ ނިންމެވީ މި މައްސަލައިގެ އަޑުއެހުން ކުރިން އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށެވެ. މި މައްސަލައިގެ ތެރެއިން ޕީޕީއެމް، ޕީއެންސީއިން ވަނީ ގާޒީ އަލީ ރަޝީދާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބުނެ މައްސަލަ ބެލުން ލަސްވަމުންދާ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ. އިދިކޮޅު ކޯލިޝަންއިން ބުނެފައިވަނީ ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން ގާޒީ އަލީ ރަޝީދު ވަކި މީޑިއާއަކަށް މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެއީ ޖޭއެސްސީން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ބެލުން ޖޭއެސްސީން ލަސްކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެއީ ތައައްސުބުގެ ތެރެއިން އަމަލުކޮށްފައިވާ ގޮތް ކަަމަށް ވެސް ބުންޏެވެ.
ޝަރީއަތުގައި ވަކީލުންގެ ފަރާތުން، ގާޒީ އަލީ ރަޝީދު ބެންޗުގައި އިންނެވުން އިއުތިރާޒް ކުރުމުން ބެންޗުން މަޝްވަރާ ކުރެއްވުމަށްފަހު ވިދާޅުވީ ގާޒީ ބޭނުންވުމުން މައްސަލައަކުން ތަނާޒުލް ނުވެވޭ ކަމަށެވެ. އަދި ދައުވާ ލިބޭފަރާތުން ހުށަހެޅި އެއްވެސް ކަމެއް ގާޒީ އަލީ ރަޝީދު ކޮށްފައި ނުވާ ކަމަށް ފަސް ގާޒީންގެ ބެންޗުން ނިންމާފައިވާ ކަމަށެވެ.
މުޅި ދިވެހި ރާއްޖޭގެ ނަޒަރު އެއަށްފަހު ހުއްޓުނީ ނޮވެމްބަރު 28 އަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ އިއްވީ 5 އަހަރުގެ ހުކުމެކެވެ. އަދި 5 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ. ކުރިމިނަލް ކޯޓުގެ ފަސް ގާޒީންގެ އިއްތިފާގުން ނެރެފައިވާ ހުކުމްގައި ބުނެފައިވަނީ އެސްއޯއެފްއިން ލިބުނު ފައިސާއަކީ އޭގައި ޝައްކު އުފެދޭ ފައިސާއެއްކަން ރައީސް ޔާމީނަށް ވެސް އެނގޭ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މާލީ ބަޔާނުގައި ވެސް އެ ފައިސާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފޮނުއްވި ފައިސާތަކެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ކުށަކީ ފަސް އަހަރުން ފެށިގެން 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ ކުށެކެވެ. ދައުލަތުގެ ވަކީލު އެދުނީ ހިޔާނާތްވީ ފައިސާގެ އަދަދަކީ އެއް މިލިއަން ޑޮލަރު ކަމަށްވާތީ، އަދަބު ކަނޑައެޅުމުގައި އެ އަދަދު ފަސް ގުނަ އިތުރު ކުރުމަށެވެ. ރައީސް ޔާމީން ވަނީ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަަށް މަސައްކަތް ކުރައްވާފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީނަކަށް އެ ފުރުސަތު ލިބިފައި ނުވެއެވެ. އެއީ ހުކުމް އިއްވުމަށްފަހު ދައުވާ ލިބޭ ފަރާތަށް މައްސަލައާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ނުދެއްކޭނެ ތީއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރުމާއި އެކު، ކޯޓު ރޫމުގެ ތެރޭގައި ތިބި އާއްމުން ހިތާމަފާޅު ކުރިއެވެ. އަދި ބައެއް ބޭފުޅުން ކަރުނައަޅާ ރުއިތަންވެސް ކޯޓު ރޫމްތެރޭ އެވަގުތު ތިބި ނޫސްވެރިންނަށް ފެނުނެވެ. ހުކުމް ކުރުމާއެކު ކުރިމިނަލް ކޯޓުގެ ދޮށަށް އެއްވެ ތިބި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޕާޓީގެ ސަޕޯޓަރުން ހިތާމަ ފާޅުކުރި އެވެ. އަދި އެ ބޭފުޅުންވެސް ހިތާމަފާޅުކޮށް ރޮއެ ހެދިއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕީއެންސީގެ ނައިބް ރައީސް ޝުޖާއު ހިމެނެއެވެ.
ހުކުމްއަށްފަހު ރައީސް ޔާމީން ކޯޓު ރޫމްއިން ނިކުމެވަޑައިގެންފައިވަނީ އިސްޖައްސަވައިގެންނެވެ.

