ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމީދަކީ މަރުގެ އަދަބު ދޭންޖެހޭ ހާލަތަށް ކަންކަން ނުދާނެކަމަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ކަނޑައަޅާފައިވާއިރު، އުންމީދަކީ އެ ހާލަތަށް ކަންކަން ނުދިއުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމަށް ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައީސްވަނީ ރާއްޖެއަށް 500 ގުރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާހުކުރިޔަސް، ސަރުކާރުން އެއްވެސް ހާލެއްގައި މަރުގެ އަދަބު ދޭން ބޭނުންނުވާ ކަމަށާއި، އުންމީދަކީ އެއްވެސް މީހަކު އެގޮތަށް އަމަލުނުކުރުން ކަމަށް، ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ޤާނޫނުގައި މަރުގެ އަދަބު ހިމެނީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުންކަމަށެވެ. އެއާއެކު އެހެން ސަރުކާރުތަކުން ނުކުރާ ވަރަށް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް މަސައްކަތްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިސެންބަރު 1، 2024ގައި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި އެ ބިލުގެ ޖަދުވަލު އެކެއްގައިވަނީ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފިނަމަ މަރުގެ އަދަބު ދެވޭނެކަމަށެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ.

ޖަދުވަލު ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް އެކުލެވިގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. އަދި، ޖަދުވަލު ތިނެއްގައި ހިމެނެނީ، މަަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތަކާއި އެއްޗެއްސާއި ކެމިކަލް ނުވަތަ މާއްދާތަކެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ.

އަދި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

ވަކި ވަރަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ ނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 06 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ނިންމެވިކަން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު އިއުލާނުކުރެއްވުމާ ގުޅިގެން ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މަސްތުވާތަކެތީގެ ވަބާއަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާތެރި އެއް މަސަލައިގެ ގޮތުގައި ފާހަގަކުރެވޭއިރު ޒުވާން ޖީލެއް  މަސްތުވާތަކެތީގެ ިވަބާއިން ސަލާމަތް ކުރުމަށްޓަކައި މިސަރުކާރުން އަންނަނީ ގިނަގުނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަކުރެވެއެވެ. މިގޮތުން ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި، ނިންމެވުމަކީ ވަރުގަދަ ނިންމެވުމެއްކަން ފާހަގަކުރެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: