ގިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއި މެދުގައި ކަމަށާއި، އެ މަތިވެރި ވާޖިބަށް ދަރީން ލޯބިޖައްސުވައި ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތުކުރާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުމެވެ. ހުތުބާގައި ބުނެފައި ވަނީ ނަމާދަކީ ދީނުގެ ތަނބު ކަމަށާއި އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭ އަޅުކަމަކީ އެއީ ކަމަށެވެ. އެ މަތިވެރި ވާޖިބަށް ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތުކުރާންޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އެ ކަމުގައި އިހުމާލުވެއްޖެ ނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހުކުރު ހުތުބާގައި ބުުނީ އެ ދަރީންނަކީ މާތް ﷲ ކޮންމެ މީހަކަށްވެސް ދެއްވި ވަރަށްބޮޑު ނިޢުމަތެއް ކަމަށެވެ. އަދި އެ ދަރީންނާ މެދު މަސްއޫލުވާންޖެހޭނެ ކަމަށެވެ.
ކީރިތި ރަސޫލާ (ސ) ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އަދި ފިރިމީހާއީ އޭނާގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލުކުރެއްވޭނެއެވެ. އަދި އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެއެވެ.“ އެހެންކަމުން ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެއެވެ
ހުތުބާގައި ބުނެފައިވަނީ އަހަރެމެންގެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުން ކަމަށެވެ.
”ތިބާގެ ދަރީންނަށް ރިވެތި ގޮތުގައި ނަސޭހަތްތެރިވާށެވެ! ލުޤްމާނުގެފާނުގެ ދަރިކަލުންނަށް އެކަލޭގެފާނު ދެއްވި ނަސޭހަތް މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. އެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ. ”އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! އަދި ތިބާޔަށް ޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމުކަނޑައަޅާން ޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.“
ހުތުބާގައި ބުނެފައިވަނީ ދަރީން މި މަތިވެރި ވާޖިބަށާއި ފިރިހެންދަރީން މިސްކިތުގައި ނަމާދު ޤާއިމުކުރުމަށް ލޯބިޖެއްސުމަށްޓަކައި އެ ކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދީ އެ ކުދީންގެ ހިތްތަކުގައި މި ކަމަށް ލޯބިޖައްސުވަން ޖެހޭނެ ކަމަށެވެ. އަދި ޤިޔާމަތްދުވަހު މީސްތަކުންނާ އިރު ނުހަނު ކައިރިކުރެވޭނޭކަމާއި، އެ ދުވަހުގެ ގަދަ ހޫނުން މީސްތަކުންގެ ގައިން އޮހޮރޭ ދަލުން، ބިންގަނޑުގައި ކޯރުހެދި އެ މީހެއްގެ ޢަމަލުތައް ހުރި މިންވަރަކުން އޭގެތެރެޔަށް ގެނބި އެއް ބަޔަކު އޭގެ ތެރޭގައި ޣަރަޤުވާނޭކަމަށް ނަބަވީ އިރުޝާދުތަކުން އެނގޭން ހުރި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ ހިތާމައަކީ މިއަދު ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލުކުރުވާތީ ކަމަށެވެ.
ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާކަމަކީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާައި ވަނީ ބުނެފައެވެ. ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާ އިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ ތިބާ މާތް ﷲއަށް ބިރުވެތިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

