ދިވެހިރާއްޖޭގައި މިހާރު އޮތް ޕެންޝަން ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ”ޑަބަލް ޕެންޝަން“ ނަމަވެސް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި ވެސް އެކަމަށް ހައްލު ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭކަން ހާމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޕެންޝަން ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ޝަމްހީދު ވިދާޅުވީ ރާއްޖޭގައި ހުރި އިޖުތިމާޢީ ގިނަ މައްސަލަތަކުގެ ހައްލަކީ ހަރުދަނާ ޕެންޝަން ނިޒާމެއްކަމަށެވެ. ނަމަވެސް މިހާރު އުސޫލާއި، ގަވައިދުތައް އޮތް ގޮތުން އޭގެ ބޭނުން ހާސިލު ނުކުރެވޭކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެގޮތުން ރިޓަޔަރމަންޓް ޕެންޝަނަށް ޖަމާވާ ފައިސާއިން މަހަކު އެވްރެޖުކޮށް ލިބެނީ 2000 ނުވަތަ 2500 އެއްހާ ރުފިޔާކަމަށާއި، އެ ފައިސާ ހަމަޖެއްސުމަށްޓަކައި ވެސް ސަރުކާރުން އިތުރު ބައެއް ލާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ ދިވެހި ރުފިޔާ ކަމަށްވާއިރު، ސަރުކާރުން ބޭނުންވާ ގޮތަށް އެ ފައިސާ މާކެޓަށް ދޫކޮށްލުމުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ޑިވެލިއުވުމުގެ ސަބަބުން ޕެންޝަނުން ލިބޭ ފައިދާ ގެއްލިގެންދާނެ ކަމަށެވެ. އެހެންކަމުން، ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގައި ރައްޔިތުންނަށް ކަންކަން އޮޅުވައިލުމުގެ ނިޔަތެއް އޮތްތޯ ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕެންޝަން ނިޒާމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ”ޑަބަލް ޕެންޝަން“ ގެ މައްސަލަކަން ފާހަގަކުރައްވައި، ސަރުކާރުން ހުށަހެޅި އިސްލާހުގައި އެކަމަށް ހައްލެއް ގެނައުމަށް ހިމަނާފައި ނުވާތީ، ނުވަތަ ސަރުކާރުން އެއަށް އަޅާނުލާތީ ނުވާތީ ޝަމްހީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ ޕެންޝަން ފަންޑުގައި އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ޑަބަލް ޕެންޝަންގެ އިޝޫ މި ގާނޫނުގައ،ި މި އިސްލާހުގައި އެއަށް އެޑްރެސްކުރެވިފައި ނެތް..
ޝަމްހީދު ވަނީ ޕެންޝަން ފަންޑުން ރައްޔިތުންނަށް ލިބެންޖެހޭ ހަގީގީ މަންފާ ހޯދައިދިނުމަށްޓަކައި، މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށްވުރެ ފުންކޮށް ވިސްނައި، މުޅި ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނަންޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ
ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަކީ، ޕެންޝަން ފަންޑުގައި ހުރި ފައިސާ ސަރުކާރުން ބޭނުންވާ ގޮތަކަށް އިންވެސްޓުކޮށް، އެ ފައިސާގައި ”ހިތުހުރި ގޮތަކަށް“ އަތްލުމަށް މަގުފަހިކުރުމަށް ހުށަހަޅާ ބިލެއްގެ ގޮތުގައި ޝަމްހީދު ސިފަ ކުރެއްވި އެވެ. އަދި ބިލުގައި ”ޓާމިނަލް އިލްނަސް“ ގެ ވާހަކަ ގެނެސްފައިވަނީ އަސްލު މަގުސަދު އޮޅުވައިލުމަށްޓަކައިކަމަށް ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ޕެންޝަން ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޕެންޝަން އެސެޓްތައް މެނޭޖުކުރުމުގެ ފުރުސަތު ޕެންޝަން އޮފީހުން ބޭރުގެ ފަރާތްތަކަށް ނުވަތަ އެސެޓް މެނޭޖަރުންނަށް އެކްސްކްލޫސިވްކޮށް ދެވޭނެ ކަމަށެވެ. މިއަދާ ހަމައަށް ޕެންޝަން ފައިސާ އިންވެސްޓުކުރާނެ ގޮތް ނިންމަނީ ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް ޔުނިޓުން ކަމަށްވީ ނަމަވެސް، މި އިސްލާހާއި އެކު ބޭރުގެ ފަރާތްތަކަށް އެ ބާރު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ޓާމިނަލް އިލްނަސްގެ ވާހަކަ ގާނޫނަށް ގެނައީ މީޑިއާއަށް ”ވިއްކާލުމަށް“ ކަމަށާއި، އަސްލު ބޭނުމަކީ ސަރުކާރަށް ޕެންޝަން ފަންޑުގައި ހުރި ފައިސާއާ ބޭނުންހާ ގޮތަކަށް ކުޅުމަށް މަގުފަހިކުރުން ކަމަށެވެ.

