ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސްރީ ލަންކާ އާއި މެލޭޝިއާ ފިޔަވައި ދިވެހިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓީ ކަނޑައެޅި ސީލިން ހަމަވާ ވަރަށް މީހުން ނެތުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެމުން އީސީން ބުނެފައިވަނީ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ދިވެހިން ދިރިއުޅޭ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާއިރު އެ ގައުމެއްގައި އުޅޭ ދިވެހިންގެ އަދަދު 2،000 އަށް އެރުމަކީ ސީލިންއެއް ކަމަށް ބެލުމަށް ކަމަށެވެ. އަދި އެއް ދާއިރާއަކުން ވޯޓުލެވޭ 40 މީހުން އެ ވޯޓު ފޮށްޓެއްގައި ރަޖިސްޓަރީ ކުރުމަކީ ވެސް ޝަރުތެކެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމަށް ޝަރުތު ހަމަވަނީ 294,937 މީހުން އެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ވޯޓާސް ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށެވެ. ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުަފަހު ތިނެއް ޖެހުމާ ހަމައަށެވެ.
އީސީން ބުނެފައިވާ ގޮތުގައި އިންތިހާބުގައި ވޯޓުލުމަށް 621 ވޯޓުފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ބަހައްޓާނީ 321 ފޮއްޓެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނާއި ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ އާއި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބަހައްޓާނެއެވެ.

