ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާބޯޓު ދަތުރު ކުރުމުގައި އަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްއިން) ބުނެފިއެވެ.
އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާ ބޯޓު ދަތުރު ކުރުމުގައި އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ކަމަށެވެ. މި ހާލަތުގައި މިފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ ރާއްޖޭގެ ވައިގެ ނިއަމި ކަމުގެ ހިދުމަތް ދޭން ހަވާލު ކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން އެކުންފުނިން ކުރުން ލާޒިމް ކަމެއް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އަދި މިއީ އަބަދުވެސް މިފަދަ ހާލަތެއް މެދުވެރިވާ ހިނދު އަމަލު ކުރާ އުސޫލުކަންވެސް އެކުންފުނިން ފާހަގަކުރިއެވެ.
އެމްއޭސީއެލްއިން ބުނެފައި ވަނީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރު ކުރަން މިހާރު އަންގާފައިވާ ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. މި ގަވާއިދަށް އަމަލު ކުރާނީ ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައިކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން ބުނީ އެސްވީއެފްއާރު ބޭނުން ކޮށްގެން ދަތުރު ކުރުމަށް މަތިންދާ ބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މީގެ ކުރިންވެސް އަމަލު ކުރަމުން ދިޔަ އުސޫލެއް ކަމަށެވެ.
އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

