މަގާމަށް އައްޔަނު ކުރިތާ ފަސް މަސް ނުވަނީސް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ ކޮރަޕްޝަނުގެ މަައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
މި ސަރުކާރުން މަސް ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް ވެސް އައްޔަނު ކުރި ޝަމާހުއަށް އޭރު ވެސް ކޮރަޕްޝަނާއި ގުޅުން ހުރި އެކި ތުހުމަތުތައް ކުރެވުނެވެ. އޭރު އޭނާ މަގާމުން ވަކި ކުރީ ކުންފުނި ހިންގުމުގައި އަމަލު ކުރި ގޮތްތަކާއި މެދު ބޮޑެތި ތުހުމަތުތައް ކުރުމަށް ފަހު އެއް މަސް ދުވަހު ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު އެވެ. އެއަށް ފަހު އޭނާ ފިޝަރީސް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަނު ކުރި އެވެ.
ކުއްލި ގޮތަކަށް އިއްޔެ ޝަމާހު މަގާމުން ވަކި ކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުން ހާމަކުރި ނަމަވެސް، އޭގެ ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ. އަދި މީޑިއާތަކުން ސުވާލު ކުރުމުން، ޝަމާހު ވެސް ބުނެފައި ވަނީ މަގާމުން ވަކި ކުރީ ކޮން ސަބަބަކާއި ހުރެކަން ނޭނގޭ ކަމަށެވެ. ނަމަވެސް ރެއިން ފެށިގެން އޭނާއާއި ގުޅުވައި ކޮރަޕްޝަންގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.
ޝަމާހުގެ އެފަދަ މައްސަލައެއް އެސީސީން ވެސް ބަލަމުންދާއިރު، މަގާމުން ވަކި ކުރީ އެ ސަބަބާއި ހުރެކަން ސާފެއް ނޫނެވެ. ނަމަވެސް ޝަމާހުގެ މައްޗަށް ކުރާ ތުހުމަތުތަކެއްގެ މައްސަލަ ބަލަމުންދާކަން ”ސަންގު“ އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.
މީގެއިތުރުން ޝަމާހުކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ޝަމާހުއަށް ތުހުމަތު ކުރެވޭ މީހާ އެ އޯޑިއޯގައި ބުނާ ގޮތުގައި މިފްކޯގައި ކޮރަޕްޝަނުގެ ތެރެއިން ”ޕައިޕްލައިނަށް“ އަޅާ ފައިސާ އަށް ވުރެ މާ ގިނައިން ސްޓެލްކޯގައި ކޮރަޕްޝަނުގެ ތެރެއިން ފައިސާ ލިބެ އެވެ. އަދި ތިން އަހަރުގެ ތެރޭގައި ކުރިން ލިބޭނެ އަދަދު ސްޓެލްކޯގެ ތެރެއިން ދެ މަސް ދުވަހުގެ ތެރޭގައި ލިބޭކަމަށް އޯޑިއޯގައި ބުނެ އެވެ.
މި އޯޑިއޯ ޝަމާހު ދޮގު ކުރާއިރު، އޭނާ ބުނީ މިއީ ބަޔަކު އޭނާގެ އަގުވައްޓާލައި ”ފްރޭމް“ ކުރުމަށް ފަތުރާ އޯޑިއޯއެއް ކަމަށެވެ.

