އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް މި ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް، އެމްޑީޕީން ބާއްވާ ޕްރައިމެރީ މި ހިނގާ ޖެނުއަރީ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެމްޑީޕީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ސަރުކާރުން އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަޒީފާގެ ބިރު ދައްކައި، ވަޒީފާ ނެތް ބައެއް ނަމަ ވަޒީފާގެ ފުރުސަތުތައް ހުށަހަޅައިގެން ނުފޫޒު ފޯރުވާކަމަށް ބުނެ އެވެ.
މައްސަލައިގައި މިއަދު އިތުރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޣަފޫރު ވިދާޅުވީ، ތުރު މީހުނަށް ވަޒީފާ ދިނުމާއި އަދި އެމްޑީޕީއިން ނެރޭ ކެނޑިޑޭޓުންނަށްވެސް ވަޒީފާ ދިނުމުގެ ކަންކަން މި ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.
ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްތައް ހިންގުމަށް މިސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ޣަފޫރު ވިދާޅުވިއެވެ. އެކަން ކުރީގެ ޕީޕީއެމް ސަރުކާރުގައި ވެސް ފެނިގެން ދިޔަކަމަށް ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ބޭނުންވާ ބާރުވެރިކަން ލިބި، ރަށްތަކުގެ ރައްޔިތުން ބޭނުންވާ ކުރިއެރުންތައް ލިބެން ފެށީ އެމްޑީޕީން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. އަދި ލާމަރުކަޒީ ނިޒާމު ކުރިއަރުވައު، ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމްޑީޕީން ކުރި ކޮންމެ މަސައްކަތަކަށް ހުރަސް އެޅިތަން ފެނިގެން ދިޔަކަމަށް ވިދާޅުވި އެވެ.
ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، 1.8 ބިލިއަން ރުފިޔާ ރާއްޖޭގެ ކައުންސިލް ތަކަށް އެމްޑީޕީގެ ސަރުކާރުން ދޫކުރި ކަމަށެވެ. ޣަފޫރު ވިދާޅުވި ގޮތުގައި އެއީ ދިވެހިރާއްޖޭގެ 5 ސިޓީ އަދި 180 ދެރަށްކަމަށް ވިދާޅުވިއެވެ.
ޖުމްލަގޮތެއްގައި ސަރުކާރުތަކުން ރައްޔިތުންނަށްކޮށްދޭ ކަންކަމަށް ވުރެ ކައުންސިލުތަކުންކޮށްދޭ ކަންކަން ކޮށްދެވިފައި އެބަހުރިކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި އެ ޙިދުމަތަތަށް ވަނީ ރައްޔިތުންނާއި ހަމައަށް މާ ރީތިކޮށް ނަލަކޮށް ފަރިކޮށް ފޯރުކޮށްދެވިފައިކަން ފާހަގަކުރެއްވިއެވެ.
މިގޮތުން ގައުމީ ޔުނިވާސިޓީ އެމްއެންޔޫއިން 2024 ވަނަ އަހަރު ކުރި ދިރާސާއިން ދައްކާގޮތުގައި ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަޖެހެނީ ކައުންސިލްތަކުންދޭ ޙިދުމަތްތަކަށްކަމަށް ޣަފޫރު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކުންދޭ ޙިދުމަތްތަކާއި ދޭތެރޭ ރައްޔިތުން ހިތްހަމަޖެހޭކަމަށް ފާހަގަކުރައްވައި މިސާލެއްގެ ގޮތުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ނަންގަވައި ޣަފޫރު ވިދާޅުވީ އަތޮޅުތެރޭގެ ރައްރަށުގައި ކުނި ނެގުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަގޮތުން މީގެ ކުރިން ރައްޔިތުން ހިތްހަމަ ނުޖެހޭކަމަށެވެ. އެހެނަސް މިހާރު ރާއްޖޭގައި އެންމެ ރީތިކޮށް ހިނގާ އެއްކަމަކީ ކުނިމެނޭޖް ކުރުންކަމަށް ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ މިއީ ކައުންސިލްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ކައުންސިލްތައް ބާރުވެރި ކުރުންކަމަށެވެ. އަދި ކައުންސިލްތަކަށް ދޭންޖެހޭ އެންމެހާ ރައްކާތެރިކަމާއި ކައުންސިލްތަކުގެ ހިމާޔަތުގައި މަސަތްކަތް ކުރުމަކީ އެމްޑީޕީގެ ސިޔާސަތުކަމަށެވެ.
ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލަށް ބަދަލުވާންޖެހޭކަމަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވީ މި ބަދަލު ވެގެންދާ ދިއުމުގައި ކައުންސިލްތައް ބާރުވެރިކުރެވެންޖޭހޭ ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ހަޤީގަތަކީ ކައުންސިލްގެ ބާރު ހިނގަނީ ކައުންސިލް އިދާރާގެ ގޭޓާ ހިސާބުންކަމަށް ވިދާޅުވެ މިސަރުކާރަކީ ކައުންސިލްތައް ހިންގުމަށް އެއްވެސް ވަރަކަށް މަގުފަހިކޮށްދޭނެ ސަރުކާރެއް ނޫންކަމަށް ތަކުރާރު ކުރެއްވިއެވެ.

