މަނީ ލޯންދަރިންގެ ކުއް ސާބިތުވެ 5 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުއްﷲ ޔާމިން މިހާރު ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގައި ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލެވޭ ސިޔާސީ މީހުން ބަހައްޓަން ހެދި ޔުނިޓުތަކެކެވެ. އެ ޔުނިޓުގައި އެންމެ ފުރަތަމަ ހުންނެވި ރައީސްއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ.
އެއަށްފަހު ރައީސް މައުމޫންވެސް މައުމޫން އަބްދުލްގައްޔޫމްވެސް އެ ޔުނިޓުގައި ހުންނެވިއެވެ. އޭގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްވެސް ބެހެއްޓީ ޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައެވެ.
މިދިޔަ ބުރާސްފަތިދުވަހު ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމާއެކު އެންމެ ފުރަތަމަ އެމަނިކުފާނު ގެންދެވީ މާލެ ޖަލަށެވެ. މާލޭ ޖަލުގައި އެމަނިކިފާނު ބަހައްޓާފައި ހުންނެވި ގޮޅިއަކީ ހަތަރު ފޫޓު، ހަ ފޫޓުގެ ގޮޅިއެއް ކަމަށް ރައީސް ޔާމިންގެ ވަކީލުން ބުންޏެވެ. ގޮޅީގައި ހުންނަ ފާހަނާ ތަށި ފްލެޝް ނުކުރެވޭކަމަށާއި އެގޮޅީގައި ރައީސް ޔާމިންގެ އިސްކޮޅުވެސް ހަމަނުވާކަމަށްވެއެވެ. އެ ަ މައްސަލަ ހިއުމަން ރައިޓްސްކޮމިޗަން އެޗްއާރުސީއެމްއިން އަންނަނީ ތަޙުޤީޤުކުރަމުންނެވެ.
އާއްމު އުސޫލުން ހަދާ މެޑިކަލް ޓެސްޓްތަކުގެ ނަތީޖާއަށް ފަހު ރައީސް ޔާމިން ވަނީ އިއްޔެގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ޤާނޫނުގައި އަންގާފައިވާ ގޮތުގެ މަތިން ރައީސް ޔާމިންއަށްވެސް ޖަލުގައި ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް މިހާރު ވަނީ ހުށަހަޅާފައެވެ. ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

