އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ހުސްނުއް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފޮނުއްވާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރަކު ތިއްބަވަން ޖެހޭނެއެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އަދި އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އެއަށްފަހު ސުލޫކީ މައްސަލައެއް ބަލަމުން ގެންދަނިކޮށް އަބްދުﷲ އަރީފް ވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޢަނީ ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން އިއުލާނުކޮށް މިހާރު ވަނީ ކޮމީޓީއަށް ފޮނުވާފައެވެ. އެހެން ކަމުން މިވަގުތު ސުޕްރީމް ކޯޓުގައި ޢަނީ ނުހިމަނާ ތިއްބެވީ ތިން ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އައްޔަން ކުރެއްވުމަށް ފޮނުވި ނަމަވެސް ރައޫފާ ގުޅޭ ޝަކުވާތަކެއް ޖޭއެސްސީ އަށް ހުށަހަޅާފައި ވާތީ ރައޫފްގެ ނަމާ މެދު ޖޭއެސްސީން ވަކި ގޮތަކަށް ލަފައެއް ނުދެއްވަ އެވެ. އެހެން ކަމުން އޭނާގެ ނަން ފަހުން ފޮނުވާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓު މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރު ކޯޓު ހިންގެވުމާއި ހަވާލުވެހުންނެވީ މިފަހުން ކޯޓަށް އައްޔަން ކުރި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއެވެ.
ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

