ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިނު ފިހާރަތަކުން ދޫކުރާ ނަމްބަރުތަކަށް އާސަންދަ ހަމަޖައްސައިދޭ އިތުރު ކްލިނިކް ތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައިނު ފިހާރަތަކުން ދޫކުރާ ނަމްބަރުތަކަށް އާސަންދަ ހަމަޖައްސައިދޭ ގޮތަށް ނިންމައި އެތަންތަނުގެ ލިސްޓް އާއްމުކޮށްފިއެވެ.

އަމިއްލަ ކްލިނިކްތަކުން ދޫކުރާ ބޭސް ސިޓީއަށްވެސް އައިނު ހެއްދޭގޮތަށް ހަމަޖައްސައި އާސަންދައިން ކުރި އިއުލާނުގައި ބުނީ ލޮލުގެ ޕްރިސްކްރިޕްޝަން ބޭސް ސިޓީއަށް އާސަންދަ ދިނުމަށް އެމްޕެނަލްވެފައިވާ އަމިއްލަ ކްލިނިކްތަކަށް ވެސް މިހާރު އައިނު ހެއްދޭނެ ކަމަށެވެ.

މީގެ ކުރިން އައިނު ހެއްދެނީ އައިޖީއެމްއެޗާއި އޭޑީކޭ އާއި އައިކެއާ ފަދަ ތަންތަނުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އެކަންޏެވެ. އެކަމަކު، އަލަށް މިގެނެވުނު ބަދަލުގެ ދަށުން ކުރިން އައިނު ހެއްދޭ ތަންތަނާ އެކު ޖުމްލަ 18 ތަނަކުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދައިގެ ދަށުން އައިނު ހެއްދޭނެ އެވެ. އެއީ؛

  1. އޭޑީކޭ ހޮސްޕިޓަލް
  2. އެޑްވާންސް އައި ކްލިނިކް
  3. އެޑްވާންސް މެޑިކަލް ކްލިނިކް
  4. އެއިމްސް ޑައިގްނޯސްޓިކް ކެއާ
  5. އޭއެމްޑީސީ
  6. ސިޓީ އޮޕްޓިކަލް- ކްލިނިކް
  7. އައިކެއާ ކްލިނިކް
  8. އައިކެއާ ކްލިނިކް ހުޅުމާލެ ބްރާންޗު
  9. އައިކެއާ ހޮސްޕިޓަލް
  10. އައިކެއާ ހޮސްޕިޓަލް ހުޅުމާލެ އެނެކްސް
  11. ފާރޫކް ހެލްތުކެއާ
  12. މޮލްޑިކެއާ
  13. މެޑިކާ ހޮސްޕިޓަލް
  14. ނޫސަންދަ
  15. ސެނަހިޔާ
  16. ޓްރީޓޮޕް ހޮސްޕިޓަލް
  17. ވިޝަން ކްލިނިކް
  18. ޕަބްލިކް ހެލްތު ފެސިލިޓީސް

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމާ މިކަން ހާމަކޮށްފައިވަނީ އެ އެޖެންސީން ހާމަކުރީ 31 ޑިސެމްބަރުގައި ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތަށް އާއްމުންނަށް ފަސޭހަވާނެ ގޮތް ހެދުމަށް އައިނުގެ ހިދުމަތް ފުޅާކޮށް، ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ސިޓީއަށް އައިނު ލިބޭނެ ކަމަށް އެންސަޕާއިން ބުނެއެވެ.

އައިނުގެ ވިޔަފާރި އަމިއްލަ ތަންތަނުން މޮނޮޕޮލައިޒްކޮށްފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުން އެ ވިޔަފާރީގެ ތެރެއަށް ވަނީ އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައާއެކު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު ވަނީ، އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ކޮންމެ ދެ އަހަރުން އެއް އަހަރު ދޭ އެހީ ވެސް އިތުރުކޮށްފައެވެ.

އާސަންދައިން އައިނު ހައްދަން މީގެ ކުރިން ދެނީ 1،000ރ. އެވެ. އެކަމަކު، އެ އަދަދު މިހާރު ވަނީ 2،000ރ. އަށް ބޮޑުކޮށްފައެވެ.

އެންސްޕާއިން ބުނި ގޮތުގައި މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގެނެވޭ ބަދަލެކެވެ.

މި އާ ނިންމުމުގެ ދަށުން، ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ލިބޭނެއެވެ. މިއީ ޕްރިސްކްރިޕްޝަން އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.

މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކާ އެއްގޮތަށްވާއިރު މިކަމުގެ ސަބަބުން ލޮލުގެ ފަރުވާ ހޯދާ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނެފައިވަނީ އާސަންދައިން ކަވަރުކުރާ 2000 ރުފިޔާއަށް ވުރެއް އެފަރާތުގެ އައިނު އަގު ބޮޑުވާނަމަ ބާކީ ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށް ކަމަށެވެ. މިހާރު އާސަންދަ ކަވަރު ކުރާ އަދަދަށް އައިނު ހެއްދޭ ތަންތަން އެބަހުރިކަމަށާއި އައިނު ހައްދާނެ ތަނެއް ކަނޑައަޅާނީ އެމީހަކު އަމިއްލައަށްކަމަށްވެސް އެންސްޕާއިން މައުލޫމާތުދެއެވެ.

މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އައިޖީއެމްއެޗްގައި އޮޕްޓިކަލް ހިދުމަތް ގާއިމުކުރީވެސް އާންމުންނަށް މި ހިދުމަތް ހޯދުމުގައި ހުރި ބުރަތައް ކުޑަކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު އޮންނަ އުސޫލުން އާސަންދައިން އައިނު ހެއްދުމަށް ކަވަރު ކުރަނީ 1,000 ރުފިޔާއެވެ. ނަމަވެސް އާސަންދައިން ދޭ އަދަދު ބޮޑުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، މި ގެނެވޭ ބަދަލާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: