”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026“ އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި ”ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ ޤާއިމު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި ސިޓީ/އަތޮޅު/ރަށު/އަވަށު ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުންކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.
ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރަކީ 3004498 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ complaints@elections.gov.mv އެވެ. ވީމާ އީމެއިލް މެދުވެރިކޮށް ފޮނުވޭ ފޯމު ތައްވެސް ބަލައިގަނެވޭނެކަމަށް އީސީއިން ވަނީ ބުނެފައެވެ.
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 15:00 އިން ހަވީރު 18:00 އަށެވެ. އަދި ވޯޓު ނެގުމަށް ހަމަޖެހިފައިވާ 04 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

