އެމްޑީޕީގެ އެތެރޭގައި ބައެއް ފަހަރު ދެބަސްވުންތައް ދިމާވީނަމަވެސް، ޕާޓީއަށް ކުރިމަގު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތްކަމަށް ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި މީގެ ތިން އަހަރު ކުރީން އުފެދުނު އެކި ހިޔާލުތަފާތުވުންތައް އަދިވެސް އެގޮތުގައި އޮވެ، ތަފާތު އެކި މައްސަލަތައް ދަނީ ދިމާވަމުންނެވެ. 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ޗެއާޕާސަންއެއް ނެގުމުގައި ވެސް ބަހުސްތައް ދިޔަ އެވެ. ރޭ އޮތް ގައުމީ މަޖިލިސް ބައްދަލުވުމުގައި އެންމެ ފަހުން ނިންމީ ޣަފޫރު ޕާޓީގެ ވަގުތީ ޗެއާގެ މަގާމަށް ގެނައުމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމެރީ ވަނީ ހުކުރު ދުވަހު ބާއްވާފަ އެވެ. އަދި އިންތިހާބާއި ގުޅޭ ކަންކަމުގެ މައުލޫމާތު ދެއްވައި ޣަފޫރު މިއަދު ވިދާޅުވީ މިއީ ޕާޓީގެ ތާރީހުގައި ވެސް އެންމެ އަމާންކަމާއި އެކު ކުރިޔަށް ދިޔަ އިންތިހާބު ކަމަށެވެ.
ޣަފޫރު ވިދާޅުވީ، އެތެރޭގެ އިންތިހާބެއް ނުވަތަ އެހެން އިންތިހާބެއް ވިޔަސް، އޭގެ ފޯރި ހުންނަންޖެހޭނެ ކަމަށެވެ. އަދި ނިމިދިޔަ އިންތިހާބުތަކުން ވެސް އެ ފޯރި ޕާޓީގެ ތެރެއިން ފެނިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީގެ އެއްވެސް ބަޔަކު ބާކީވެގެން ނުދާނެ އެވެ. އަދި އެންމެން ވެސް ގުޅިގެން، ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ނެގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވިދާޅުވި އެވެ.
އެމްޑީޕީއަކީ ބަލިވިޔަސް ބަލި ގަބޫލުކުރަން އެނގޭ، އަދި މޮޅުވިޔަސް މޮޅުވާން އެނގޭ ފަދަ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަމަށް ވިދާޅުވެ ޣަފޫރު ވަނީ، އިންތިޚާބުތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، ޕާޓީގެ މެންބަރުން ތިބޭނީ ގަދަކޮށްކަމަށް ތަކުރާރު ކުރައްވާފަ އެވެ. އަދި ބަލި ގަބޫލުކޮށް، އަލުން ޕާޓީއާ އެކު ވަރުގަދައަށް މަސައްކަތް ކުރަން އެ މެންބަރުން ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.
މިސާލު ނަންގަވައި ޣަފޫރު ވިދާޅުވީ އެންމެން ފަހުން ޕްރައިމެރީގައި ބަލިވީ ކެންޑިޑޭޓުން، ޓިކެޓު ކާމިޔާބު ކުރި ފަރާތްތަކަށް މަރުހަބާ ކިޔައި އެކުގައި ކުރިޔަށްދާނެކަމުގެ ޔަގީކަން ދިންކަމަށެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓުންގެ ފަހަތަށް ހުރިހާ މެންބަރުން އަރައި، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާކަން ފެންނާނެކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ރައްޔިތުންގެ އިތުބާރު އަލުން ހޯދުންކަމަށް ވިދާޅުވިއެވެ.

