ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ އާކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި ހިއްސާކުރެއްވި ފޯސްޓެއްގައި ވަނީ އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރައްވައި، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.

