ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ބާރު އެއް އާއިލާއެއްގެ މުޝުތެރެއަށް!

ރައީސް ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިންބާރު ވަކިވެއްޖެ ވާހަކަ އެންމެންވެސް ދައްކައެވެ. އެއީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ސަރުކާރު ހިންގުމުގެ ބާރާއި، އަދްލުއިންސާފުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރު ވަކިވެފައިވާތީއެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިކަން ފަހުމް ވެފައި ނުވަތަ ތަރުޖަމާ ކުރެވިފައި ވަނީ ކިހާ މިންވަރަކަށް ބާވެއޭ އަޅުގަނޑުގެ ހިތައް އަރައެވެ.

ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުމަކީ އެ ދައުލަތެއް ހިންގާ ސަރުކާރެއްގެ ހަމައެކަނި މަސްއޫލިއްޔަތެވެ. އެ ޚިދުމަތްތަކަކީ ކާނާއާއި ބޯފެން، ބޯހިޔާވަހިކަން، ސިއްހީ ފަރުވާ ދަތުރުފަތުރު، ތައުލީމު އަދި އަމިއްލަ ނަފްސާއި މުދަލުގެ ރައްކާތެރިކަން ދިނުމާއި ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ މުދައު ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުން ފަދަ ކަންކަމެވެ.

މިކަންކަން ރައްޔިތުންނަށް ލިބި ދިނުމަށް ސީދާ ނުވަތަ ނުސީދާ ދައުރެއް ސަރުކާރަށް އަދާކުރެވިދާނެއެވެ. ސީދާކޮށް ކުރާނަމަ ސްކޫލްތައް ހިންގުމާއި ހޮސްޕިޓަލްތައް ހިންގުމާއި ފިހާރަ ހިންގުމާއި ގެދޮރު އެޅުމާއި ޓެކްސީ އާއި ފެރީ ދުއްވުން ފަދަ ކަންކަން ކުރާނީ ސަރުކާރުންނެވެ.

ނުސީދާކޮށް ކުރާނަމަ އެކަންކަން ކުރާނީ އަމިއްލަ ކުންފުނިތައް މެދުވެރިކޮށެވެ. ނުސީދާކޮށް ކުރާއިރު ސަރުކާރުން ކުރާނެ ކަމަކީ ހަމައެކަނި އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބިދޭންޖެހޭނެ ފެންވަރެއް ނުވަތަ މިންގަޑުތަކެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލިހުން އެކަންކަމަށް ފާސްކުރާ ގާނޫނުތަކުގެ ޚުދޫދުތަކުގެ ތެރޭގައި އެ ޚިދުމަތްތައް ލިބިދެވޭތޯ ބަލަމުން ގެންދިޔުމެވެ. އަދި އެ ޚިދުމަތްތައް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ލިބިދިނުމަށް ކުންފުނިތަކަށް ސަބްސިޑީޒް ދިނުން ނުވަތަ އެފަދަ ފައިސާއެއް ރައްޔިތުންގެ އާމްދަނީއަށް ވަންނާނެ ގޮތަކަށް އިންތިޒާމް ކުރުމެވެ.

ކަން މިހެން އޮތްއިރުވެސް މަޖިލިހަށް ކުރިމަތިލައްވާ ބޭފުޅުންނާއި އެހެން އިންތިހާބީ އެކިއެކި މަގާމްތަކަށް ކުރިމަތި ލައްވާ ބޭފުލުން ދައްކަވަމުން ދަނީ ވަރަށް ހެއްވާ ވާހަކަތަކެކެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖެނަމަ މި ރަށުގައި ނުހެދިގެން އުޅޭ އެއާޕޯޓް އަޅައިދޭނަމެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖިއްޔާ މިރަށުގައި ޒަމާނީ ހޮސްޕިޓަލެއް ހަދައިދޭނަމެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖިއްޔާ މި ރަށުގެ މީހުން އެރިއުޅެން ސްވިމިންގ ޕޫލެއް ހަދައިދޭނަމެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖިއްޔާ މިރަށު މިސްކިތުގައި ލައުޑް ސްޕީކަރެއް ބަހައްޓައިދޭނަމެވެ. މި ނޫންވެސް ހިތުހުރިހައި ކަމެއްގެ ވާހަކައެވެ. ވާނަމަ ހަނދުވެސް ގެނެސެދޭނެ ވާހަކައެވެ.

މިފަދަ ވާހަކަތައް އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފަރާތުން އިވުމުން އެއިން ވަރަށް ގިނަ ކަންތައްތަކެއް ދޭހަކޮށްދެއެވެ. ފުރަތަމަ ކަމަކީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދައުރު ރައްޔިތުންނަށް އޮޅުވާލުމެވެ. ދެވަނަ ކަމަކީ ސަރުކާރުން ލިބިދޭންޖެހޭ ޚިދުމަތްތައް ނުލިބިވާ އަދި މަޖިލިހުގެ މެމްބަރުންގެ ދައުރު ރަގަޅަށް ނޭގި ތިބި ރައްޔިތުންގެ ނާޖާއިޒް ފައިދާ ނެގުމެވެ. ތިންވަނައަށް ދައްކާނެ އެހެން ވާހަކައެއް ނޭގޭ ކަމެވެ. ނުވަތަ ގާނޫނުއަސާސީގައި އޮތް އެއްޗެއްވެސް ކެންޑިޑޭޓުންނަށް އޮޅުން ފިލާފައި ނެތުމާއި ނޭނގޭކަމެވެ.

އަޅުގަނޑަށް އިވޭ އަޑުތަކުން ސާފުވާ ގޮތުގައި ރާއްޖޭގައި މިހާރު މިއޮތީ ރިޔާސީ ނިޒާމެކެވެ. އެ ނިޒާމުގައި ސަރުކާރުގެ ވަޒީރުން މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭނެއެވެ. ނަމަވެސް ބައެއް ބޭފުޅުން ވާހަކަ ދައްކަވާއިރު ރާއްޖޭގައި މިއޮތީ ބަރުލަމާނީ ނިޒާމެއް ކަމަށް ހީވާ ކަހަލައެވެ. އެއީ އެކި ރަށްރަށަށް މިވެނި، އެވެނި ކަމެއް ކޮށްދޭނަމޭ ނޫނީ ސިއްހީ ނުވަތަ ތައުލީމީ ނުވަތަ ވަޒީފާގެ މައިދާނުގައި މިވެނި ކަމެއް ކޮށްދޭނަމޭ ބުނަމުން ދާތީއެވެ.

ރިޔާސީ ނިޒާމެއްގައި މަޖިލިހުގެ މެމްބަރުންގެ ހަމައެކަނި މަސްއޫލިއްޔަތަކީ ގާނޫނު ހެދުމެވެ. ސަރުކާރު ޒިންމާދާރު ކުރުވުމަކީ ހަމައެކަނި މަޖިލިސް މެމްބަރުންގެ ކަމެއް ނޫނެވެ. މުސްތަގިއްލު ކޮމިޝަންތަކާއި މީޑިޔާއާއި އަމިއްލަ ޖަމާއަތްތަކާއި ރައްޔިތުންނަށްވެސް އެކަން ކުރެވޭނެއެވެ. ވީމާ މަޖިލިހުގެ މެމްބަރުންނަކީ އާންމުންނަށް ޚިދުމަތްދީ އުމްރާނީ ކަންކަން ކޮށްދޭ ބަޔެކޭ ހީވާގޮތަށް ވާހަކަތައް ފަތުރައި ކެންޕޭން ކުރުމަކީ ދައުލަތް ހިންގާ ބާރު ނުވަތަ ސަރުކާރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް މަޖިލިހުން އުދުޅިބާނާ ނުފޫޒު ފޯރުވުމެވެ. ނަމަވެސް މިއާއި ޚިލާފަށް ބަރުލަމާނީ ނިޒާމެއްގައި މަޖިލިހުގައި ވަޒީރުން ހިމެނޭތީ އެފަދަ ނިޒާމެއްގައި މިދެންނެވި ޒާތުގެ ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ކަމަކަށް ވެދާނެއެވެ. ނުވަތަ އޮންނަން ޖެހޭ ގޮތް ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް ރިޔާސީ ނިޒާމެއްގައި ވެރިމީހާއާއި ސަރުކާރު، ބަލަހައްޓައި މަސްއޫލުކުރުވާ، ޒިއްމާދާރު ފަރާތަކީ އެންމެހާ ރައްޔިތުންނެވެ. ރިޔާސީ ނިޒާމެއްގައި، ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތުގައެވެ. އެމީހުންގެ މައްޗަށް ސަރުކާރުގެ ތަންފީޒީ އަމުރުތައް ހިންގަން ފަސޭހަވާނެއެވެ. ޕާލަމެންޓުގައި ތިބޭމަދު ބައެއްގެ ނުފޫޒާއިބާރު މުޅިގައުމުގެ މައްޗަށް ހިންގޭނެގޮތެއް ނުވާނެއެވެ. ހުރިހާ ރައްޔިތުންގެ ބަހެއްނެތި ކަންކަން ނުނިން މޭނެއެވެ. ވެރިމީހާ ހޮވުމުގައި އެންމެންގެ ހިއްސާ ހަމަހަމައަށް އެއްވަރަށް ބެހިގެންދާނެ އެވެ.

ވެރިމީހާ އާއި ސަރުކާރަކީ، އަބަދުވެސް ރައްޔިތުން ހަވާލު ކުރާކަމެއް އުޖޫރައެއް ދީގެން ވަކި މުއްދަތަކަށް، ޒިންމާދާރު ކުރުވާ ބައެކެވެ. އެންމެ ފުރިހަމަ ގޮތުގައި، މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށެވެ. މުޅީ ރައްޔިތުންނާއި ހުރިހާ ޕާޓީތަކެއްގެ ފާރަވެރިކަމުގެ ދަށުންނެވެ. އެންމެންގެ ބަލަދު އަރާ ގޮތަށެވެ. މަސްއޫލިއްޔަތާއި ޒިންމާ އުފުލުމާއެކު، ހުރިހާ ކަމަކަށް އަޅާލަން ޖެހޭގޮތަށެވެ. އެންމެ ފުރިހަމަގޮތުގައި ޖަވާބުދާރީ ވާންޖެހޭ ގޮތަށެވެ.

ވެރިކަމުގެ ނިޒާމެއްގައި ތިންބާރު ވަކި ވެފައި އޮތުމަކީ، އެންމެ ވަރުގަދަ، އަދި އެންމެބޮޑު އަސާސެވެ. މިއިން ކޮންމެ ބާރަކީ، ވަރަށް މުސްތަގިއްލު ޒިންމާދާރުވާން ޖެހޭ މުޅިން ވަކި ބައެކެވެ. ބިނާއެއް ފުހިހަމަ ކަންމަތީ ދެމިއޮތުމުގެ އަސްލެވެ. އެހެން ކަމުން ރިޔާސީ ނިޒާމެއްގެ ބިންގަލަކީ މިއެވެ.

އެންމެ މުހިއްމު ކަމަކީ، ދައުލަތުގެ ތިން ބާރު ވަކިކޮށް މުސްތަގިއްލު ކޮށް އޮވެފައި، މިއިން ކޮންމެ ބާރެއް އަމިއްލަ ޒާތުގައި މެޝިނެއް ހެން ގަވާއިދުން، ބަރާބަރަށް ހިނގަ ހިނގާ އޮތުމެވެ. އަދި، ހަރަކާތްތެރި ވުމުގައި އެންމެހާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލްވެ، ހިމެނުމެވެ. ކޮންމެ ބާރެއް ވެސް އޮންނަން ވާނީ، ރައްޔިތުން ހަވާލުކުރާ އަސާސެއްގެ މަތިން، އެބާރެއްގެ އަމިއްލަ ޒާތުގައި އަމުރު ނެރެ ހިންގާ ތަންފީޒު ކުރެވޭ ގޮތަށް، ވަރަށް މިނިވަން ކޮށް ދޫކޮށްލެވި ފައެވެ. އެއްވެސް ކަހަލަ ނުފޫޒެއް، ހުރަހެއް ނެތި މެޝިން ތަކެއްހެން އަމިއްލަ ޒާތުގައި ހިނގަމުން ދާގޮތަށެވެ.

ނަމަވެސް މިއަދު މިރާއްޖޭގެ ހާލަތަށް ބަލާއިރު އަދި ކަންކަން ކުރަމުންދާ ގޮތަށް ބަލާއިރު ދިވެހިރާއްޖޭގައި މިހާރު ކަންކަން ކުރަމުން ދަނީ އަދި ނިންމަމުން ދަނީ ރިޔާސީ ނިޒާމުގައިވާ ގޮތުގެ މަތިން އަދި ރާއްޖޭގެ ގާނޫނުއަސާސީއާއި އެއްގޮތްވާ ގޮތުގެ ކަތިން ކަމަށް ދެންނެވޭކަށް ނެތެވެ. ވެރިކަމުގެ ތެތޭގައި އާއިލީ ބޭފުޅުންނެވެ. މަޖިލީހުގެ ތެރޭގައި ކޮށްކޮއާއި ބެބޭގެ އިތުރުން ދެމެފިރި ކަނބަލުންނެވެ. ތަހުގީގީ އިދާރާތަކާއި މިނިވަން މުއައްސަސާތަކަށް ގާތް އެކުވެރިންނާއި ޕާޓީ ކުދިންކޮޅެވެ.

ކޯޓަކުން ހުކުމެއް ކޮށްފިނަމަ ވަނީ ސުކޫޚީ މައްސަލްެއް ކަމަށެވެ. ފަނޑިޔާރުން ކުރާ ހުކުމެއްގެ ސަބަބަުން މަގާމް ގެއްލިދާނެތީ ތިބެނީ ބިރުންނެވެ. ޕާޓީ ކުފިން ކޮޅާއި އާއިލީ ކުފިންގެ އިތުރުން ވެރިކަން ހޯދައި ދިނުމަށް މަސައްކަތް ކުރި ކުދިން ހިތްހަމަ ނުޖެހޭ ގޮތަކަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ އެ މައްސަލައެއް ދަނީ ޕާޓީގެ ގައުމީ މަޖިލިސް ފަދައިން ހިންގާ މަޖިލީހަށެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ކޮމިޝަން ހިންގަނީ ޕާޓީގެ ގޮތްޕެއް ނުވަތަ ކޮމެޓީއެއްގެ ގޮތުގައެވެ. މިއަދު ފަނޑިޔާރުންނަށް ވެސް އައްޔަން ކުރަނީ ޕާޓީއާއި ވެރިކަން ހޯދައި ދިނުމަށް އެހީތެރިވި ކުދިން ބޭނުންވާ އެ ކުދިން ހިތްއެދޭ ބައެކެވެ. އެއްބަޔަކަށް ހުރިހައި ބާރެއް ލިބުމުން ވާނެ ހަތަރެތި މިވަނީ ވެފައެވެ.

މިކަންކަމުގެ ނަތީޖާ މިހާރުވެސް މިވަނީ ވަރަށް ހިތިކޮށް ފެންނާން ފަށާފައެވެ. އެބޭފުޅުންގެ މިރޭވުންތަކުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން އަބަދުވެސް މިޤައުމުގެ ހުންގާނު ހުޅަނގުގެ ބާރުގަދަ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސް އެވެރީންގެ ލާދީނީ ފިކުރުގެ ނުވަތަ ލާދީނީ މިނިވަން ޚިޔާލުގެ ހިމާޔަތުގެ ވަކިތަކުގެ ތެރެއަށް ޤައުމު ލައިދިނުމަށް މަސައްކަތް ކުރާ، އެކަމަށް އަބަދުމެ ނިޔަތްގަނެގެން އެމަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަށް ކާމިޔާބު ތަކެއް ލިބިވަޑައިގެންނެވުމަކީ ކޮޅުނެތްކޮޅުގެ ހިތާމަހުރި ކަމެކެވެ. އެއީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ އަދި ބޭރުގެ ބާރުތަކުގެ ފިއްތުން ނިހާޔަތަށް އިތުރުވެގެންދާނެ ކަމެކެވެ.

މިކަންކަމުގެ ސަބަބުން، މިޤައުމުގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަދޭން ނުވަތަ ފުރުސަތުދޭން ބޭނުންވާ ލީޑަރުން މިޤައުމުގައި އެބަތިބިކަން ބޭރުގެ ބާރުތަކަށް ކަށަވަރުވަނީއެވެ. އެވެރީން ބޭނުންވާ ގޮތަށް މިޤައުމުގެ ކަންކަން ބައްޓަން ކުރުމަށްޓަކާ، ޤައުމުގައި ކަންކަން ހިނގަންޖެހޭ، ޤައުމު ހިންގަންޖެހޭ ގޮތް ލިޔެފައި އޮންނަ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި މިވާހަކަ ލިޔެ މިގޮތަށް އަމަލު ކުރުމަށް މިދެންނެވި ލީޑަރުން ރުހި ގަބޫލުވާނެކަން އެވެރީންނަށް ޔަގީންވެ އެކަން މަޖުބޫރުކުރަން މަސައްކަތް ވެސް ފެށީއެވެ.

މިހާރު އެވެރީންގެ ފަރާތުން މިފެންނަ ކަންކަމަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަންކަމެއްނޫނެވެ. މިއީ މާ ދުރާލާ ރޭވިގެން، ދިވެހީންގެ ބައެއްގެ ސިކުނޑިތައް އެކަމަށް ހާނުވައިގެން ބަޔަކު އެކަމަށް ތައްޔާރުކޮށްގެން ފަށާފައިވާ މަސައްކަތެއްކަން އެނގެއެވެ. މިހެން މިކަންކަން ހިނގަމުން ދަނިކޮށް އެމީހުންގެ މި މަސައްކަތަށް އިތުރު ހިތްވަރަކާއި ބާރެއް މިއަދު ލިބުނީ ކުރީން މިކަމާއި ދެކޮޅު ހަދަމުން ގެންދިޔަ ބަޔަކު އެމީހުންގެ މިމަސައްކަތުގައި އަމިއްލައަށް އިސްނަގައިގެން ބައިވެރި ވީމައެވެ. ކުރީން އެވެރިން އުފެއްދި މީހުން މިހާރު ތިބީ ތަންކޮޅެއް ދުރުގައެވެ. މިއަދު އެވެރީން ބޭނުންވާ ބަދަލުތަކަށް އެދިވަޑައިގެން ދަޢުވަތު އެދެއްވަނީ ކުރީން ”ޚުދުމުޚުތާރު އަނިޔާވެރިންގެ“ ގޮތުގައި އެވެރީން ސިއްކަ ޖަހާފައި ތިބި ބޭފުޅުންނެވެ.

މިހާރު އުފެދޭ އެންމެ މުހިންމު ސުވާލަކީ މިގޮތަށް ދިވެހި ޤައުމަށް އިސްލާހީ ބަދަލު ގެންނަން ދިވެހީން ރުހި ގަބޫލު ވެދާނެކަމާއި މެދު އުފެދޭ ސުވާލެއް ނޫނެވެ. މިހާތަނުން އުފެދޭ އެންމެ މުހިންމު ސުވާލަކީ މިހުރިހާ ކަމަކަށް ރުހި ގަބޫލުވެގެން، މިއަދު ދިވެހިން ތިބެންވީތޯއެވެ. އިސްލާމީ ޝަރީޢަތާއި ދުރު ހުޅަނގުގެ ވިސްނުމުގެ ފިކުރީ ނިޒާމެއް ރާއްޖެއަށް ގެންނަން ޖާގަ ދޭންވީތޯއެވެ. ފަސް އަހަރުގެ ތެތޭގައި މުޅީ އެއް އާއިލާއަކަށް ހުރިހައި ބާރެއް ނަގައި ނިމެންދެން މަޑުކުރަންވީތޯއެވެ. ގޮތް ނިންމާނީ ތިޔަ ލޮބުވެތި ރައްޔިތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: