ކުރިއަށް އޮތް ޕީކް ސީޒަނަށާއި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ސްޓެލްކޯއިން އަތޮޅުތެރޭގެ ރަށްރަށަށް އައު ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ބުނިގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، ޚިދުމަތުގެ އިތުބާރު ބޮޑުކުރުމެވެ. މިގޮތުން، ކ. ގުރައިދޫގެ ކަރަންޓުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ރަށަށް މިހާރު ވަނީ 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންގޮސްފައެވެ.
ގުރައިދޫއަށް ގެންދެވުނު އައު ޖަނަރޭޓަރު ސެޓު މިހާރު ވަނީ ކޮމިޝަންކޮށް، ޚިދުމަތްދޭން ފަށާފައެވެ.
”މި އައު ޖަނަރޭޓަރު ސެޓާއެކު ގުރައިދޫގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2960 ކިލޯވޮޓަށް އިތުރު ކުރެވިފައި،“ ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ދާދިފަހުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ބ. ކެންދޫގައި 24 ގަޑިއިރުގެ ތެރޭގައި 30 އަށްވުރެ ގިނަ ފަހަރަށް ކަރަންޓު ކެނޑިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ރަމަޟާން މަހަކީ އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވުމާއެކު، މީގެ ކުރިންވެސް އެ މަހު ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވެފައިވެއެވެ.
ސްޓެލްކޯއިން އަތޮޅުތެރޭގެ ރަށްރަށަށް އައު ޖަނަރޭޓަރުތައް ފޮނުވައި، ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މި މަސައްކަތަކީ، ކުރިއަށް އޮތް ހޫނު މޫސުމާއި ރަމަޟާން މަހު ދިމާވެދާނެ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.

