ބޮޑުތަކުރުފާނު މަގު ބާޒާރު ސަރަހައްދު ތަރައްގީކުރުމަށް ކުރާ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެގޮތުން 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
ބާޒާރުމަތީ މަގުހެދުމުގެ މަސައްކަތުގެ ތަފްސީލް ހިއްސާކޮށް އެމްޓީސީސީން ބުނީ މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ސެގްމެންޓުގެ ތެރެއިން ބާޒާރު މަގު ތަރައްގީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި، މަގުތަކުގައި ކާނު އަދި ދުވާރުތައް އެޅުމުގެ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއުގެ ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެކަމަށް އެމްޓީސީީސީން ވަނީ ބުނެފަ އެވެ.
ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

