ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ދަނީ ފައިސާ ދޫކުރަމުން ކަމަށް މިފްކޯއިން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން މިފްކޯގެ ސީނިއަރ މެނޭޖަަރ، ޕީއާރް، ޝިފްޒާ މުޞްޠަފާ ”ސަންގު“ އަށް ވިދާޅުވީ މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައި ކަމަށެވެ. އެގޮތުން މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައި ވަނީ ކިލޯއެއް 20ރ. ގެ މަގުން ކަމަށާއި ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި ގަނެފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރަށް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން، 15 ކިލޯއިން މަތީގެ ކަންނެލި 25ރ. ގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާކަން ފާހަގަކުރި އެވެ.
އެގޮތުން ޑިސެމްބަރ މަހުގެ 18 އިން ފެށިގެން މިމަހުގެ 21އާއި ހަމައަށް މަސްވެރިންނަށް 1،122،055 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް ކަމަށާއި މި ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް މިފްކޯއިން ދެކޭ ކަމަށް ޝިފްޒާ ވިދާޅުވިއެވެ.

