ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، މާދަމާއިން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 26 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށާއި މިއީ 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިބަދަލާއެކު،ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ގެނެވުނު މުހިންމު ބަދަލެއް ކަމަށެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުނ ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބައިނަލްއަގުވާމީ އުޅަނދުތަކުން އަމަލުކުރަމުން އައި އުސޫލަކީ ރޭގަނޑު 12 ޖެހުމަށްފަހު އަންނަ ބޯޓުފަހަރު ހެނދުނު 6 ޖަހަންދެން ބޭރުގައި މަޑުކުރުން ކަމަށެވެ.
އެހެންނަމަވެސް ރާއްޖެއަށް އަންނަ އުޅަނދުތައް ގިނަވަމުންދާތީ ގައުމުގެ އިގްތިސާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމްކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މި އާ ބަދަލާއިއެކު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑުގެ މިންގަނޑުތަކާއި އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޕައިލޮޓޭޖްގެ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނެފައިވަނީ މީގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ ވަގުތު ސަލާމަތް ކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މި ނިންމުމަކީ މާލޭ ކޮމާޝަލް ޕޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

