މި ސަރުކާރުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ބޭނުމަކީ އެއްވެސް އަސާސީ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހަމަޖެހުން ހޯދައިދިނުންކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ”ލިންކްޑެން“ ގައި ލިޔުއްވާފައިވާ ބްލޮގްއެއްގަ އެވެ.
މި ޕްރޮގްރާމްގެ ދަށުން ޝަރުތު ހަމަވާ މިންގަނޑުތަކާ މެދު، ހާއްސަކޮށް ކުރިމަތިލާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މިލްކިއްޔާތެއް އޮތުމާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވެސް މިނިސްޓަރ ތަފްސީލު ދެއްވާފައި ވެއެވެ.
މުއްތަލިބު ވިދާޅުވީ، ކުރިމަތިލާ ފަރާތް ނުވަތަ އަނބިމީހާ/ފިރިމީހާގެ ނަމުގައި އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހުރި ނަމަވެސް، 18 އަހަރުން ދަށުގެ ކުދިން ތިބި އާއިލާތަކަށް މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮތުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ބިމުގެ ބޮޑުމިނަށް ބަލައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މިންވަރު ވަޒަންކުރާނެ އިންސާފުވެރި މިންގަނޑުތަކެއް ކަނޑައަޅާފައިވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައި ވަނީ ބޯހިޔާވަހިކަމަކީ އިތުރުކުރަންޖެހޭ އިނާޔަތެއްގެ ބަދަލުގައި، އެއީ ތައުލީމާއި، ސިއްހަތާއި، ވަޒީފާގެ ބިންގާ ކަމަށް ބަލައިގެންނެވެ. އެއްވެސް ގެދޮރެއް ނުވަތަ ބިމެއް ނެތް އާއިލާއެއްގެ ނާޒުކުކަން އިންތިހާއަށް ބޮޑުއިރު ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރަން ވާނީ މި ތަފާތުތަކަށް ރިއާޔަތްކޮށްގެންކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ މި ޕްރޮގްރާމުން އެއްވެސް ވަސީލަތެއް ނެތް ފަރާތްތަކަށް އިސްކަން ދެނީ، އެފަދަ އާއިލާތަކަށް ބަރޯސާވާނެ އިތުރު ގޮތެއް ނޯންނާތީ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ކިތަންމެ ކުޑަ ބިމެއް ނުވަތަ ގެދޮރެއް ހުރި ނަމަވެސް، އެ އާއިލާއަށް ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް އޮވެއެވެ.
”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުން އާއިލާތައް ބަލަނީ ވަކިވަކި ފަރުދުންގެ ބަދަލުގައި އެއް ގޭބިސީއެއްގެ ގޮތުގައިކަމަށްވާއިރު، އޭގެ ސަބަބަކީ މުއްތަލިބު ވިދާޅުވި ގޮތުގައި އާއިލާގެ މެންބަރުން ދިރިއުޅޭ ތަނާއި، އާމްދަނީއާއި ޒިންމާތައް ހިއްސާކުރާތީއެވެ.
މި ޕްރޮގްރާމަށް ޝަރުތުހަމަ ވަނީ، އެއްވެސް ގެދޮރެއް ނުވަތަ ބިމެއް ނެތް ފަރާތްތައްކަން ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަދަ އުސޫލުތައް އެކުލަވާލުމުގެ ބޭނުމަކީ، ދިރިއުޅެވޭނެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުންކަމަށާއި މިއީ ހަރު މުދާ އިތުރުކޮށް ދިނުން ނޫން ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ސަރުކާރުގެ މަގްސަދަކީ މުދާ އިތުރުކުރުމުގެ ބަދަލުގައި، އާއިލާތަކަށް ބޯހިޔާވަހިކަން ދިނުމެވެ. އަދި ވިދާޅުވީ މިހާރު ވެސް ގެދޮރު ހުރި އާއިލާއަކަށް ބޯހިޔާވަހިކަމުގެ އިތުރު ޔުނިޓެއް ލިބިގެން ދިއުމަކީ އިންސާފެއް ނޫން ކަމަށެވެ.
މީގެއިތުރުން މުއްތަލިބު ވިދާޅުވީ ސަރުކާރުން ސޯޝަލް ހައުސިން އާއި އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފުޅާކުރަމުންދާ ވަރަކަށް، ޝަރުތުތަކަށް ލުއިދީ ކުރިމަތިލެވޭ ދާއިރާ ފުޅާކުރެވިގެންދާނެ އެވެ.

