ޚާއްސަ ދާއިރާތަކުން ކުރިއަރާފައިތިބި ފަރާތްތައް ދިވެހި ޤައުމަށް ވަޑައިގެން ޚިދުމަތަށް ނުކުންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިފަދައިން ގޮވާލެއްވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަކީ ތޫނުފިލި ދަރިވަރުންތަކެއް ކަމަށާއި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމުގައި ދިވެހީންގެ ހިއްސާ ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށްދިއުމުގައި ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުން އަދި މިނޫންވެސް އެކިއެކި ފަންނުތަކުން ކުރިއަރާފައިތިބި ފަރާތްތައް އެންބުރިު ޤައުމަށް އައުމަށް ގޮވާލެއްވިއެވެ.
ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ރަށްތަކުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ރަށުން ލިބޭ ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ. އެގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިންޤިލާބީ ކުރިއެރުންތަކެއް ހާޞިލްކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާން ވަނީ ދެއްވާފައެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ރަށްރަށުގައި ދެވޭ ތަޢުލީމާއި ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރީއްޔާގެ ނައިބު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢަށް ފައިދާހުރި ދަރީންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުން ދަރީންނަށް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރައްވާފައިވެއެވެ.

